ށ. ކޮމަންޑޫ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަން އާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫއުގެ ދަށުން ކޮމަންޑޫގެ ބިން ހިއްކުގެ މަސައްކަތް ޖުލައި މަހުގެ ތެރޭގައި ނިމޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް ވިދާޅުވީ މި މަޝްރޫއު ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށާއި، ޖުލައި މަހުގެ ތެރޭގައި ބިން ހިއްކާ ނިންމާ ކޮމަންޑޫގެ ރައްޔިތުން އެދޭ ގޮތަށް ކޮމަންޑޫގެ ބިން ރައްޔިތުންނާއި ހަވާލުކުރާނެ ކަމަށެވެ.

ކޮންމެ މަޝްރޫއެއް ނިންމުމަށް ވަކި ތަރީހެއް ކަނޑައަޅާފައިވާ ކަމަށާއި، އެތާރީހަކަށް ނިންމުމަށް މަސައްކަތް ކުރާނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

ކޮމަންޑޫގެ ރައްޔިތުންނަށް ދޭން ބޭނުންވާ ޔަގީންކަމަކީ ޖުލައި މަސްތެރޭގައި ކޮމަންޑޫ އެއްކޮށް ހިއްކާ ކޮމަންޑޫ ރައްޔިތުންނަށް ކޮމަންޑޫ ދޭނަމޭ.
އާޒިމް

ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ، ކޮމަންޑޫގައި 1690 ކިލޯމީޓަރުގެ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަންގެ މަސައްކަތާއި، މަތިކޮމަންޑޫގައި 16.7 ހެކްޓަރުގެ ބިމެއް ހިއްކުމުގެ މަސައްކަތާއި، މަތިކޮމަންޑޫގައި 1،520 މީޓަރުގެ ބޮޑު ހިލައިގެ ތޮއްޓަކާއި، ޖުމްލަ 353 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި އަދި 112 މީޓަރުގެ ޖިއޯބޭގް ތޮށްޓެއް ގާއިމް ކުރުމެވެ. މީގެ އިތުރުން 200 މީޓަރުގެ ދިގުމިނުގެ ލިންކަކުން ކޮމަންޑު އާއި މަތިކޮމަންޑޫ ހިއްކާ ސަރަހައްދު ގުޅާލުން ހިމެނެއެވެ.

މި މަޝްރޫއު އެމްޓީސީސީ އާ ސަރުކާރުން ހަވާލުކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު، ދެ އަހަރު ދުވަހުގެ ތެރޭ ނިންމާ ގޮތަށް، 235.75 މިލިއަން ރުފިޔާއަށެވެ.

ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު ސަރުކާރުން އިއުލާނު ކޮށްފައި ވަނީ، އެމްޑީޕީގެ ފަރާތުން ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕެއިން އިފްތިތާހު ކުރުމުގެ ޖަލްސާގައެވެ.