ދިވެހި ހައްޖުވެރިން ހައްޖުގެ އަޅުކަން އަދާކުރަން މިނާއަށް ދަތުރު ފަށާފައިވާ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން އަދި ހައްޖު ކޯޕަރޭޝަނުން ވެސް ވަނީ ދިވެހި ހައްޖުވެރިން މިނާއަށް ދިއުމަށް ދަތުރު ފަށާފައިވާ ކަމަށް ބުނެފައެވެ. މިގޮތުން ދަތުރުވެރިން ބަހަށް އެރުމަށް ތައްޔާރުވާ މަންޒަރު ފެންނަ ފޮޓޯތައް ވެސް ވަނީ މިނިސްޓްރީން ހިއްސާކޮށްފައެވެ.
ރާއްޖެއިން ހައްޖަށް ދިޔަ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
ހައްޖުވެރިން މިނާއިން، ދެން ދާނީ ހައްޖުގެ އެންމެ މުހިންމު ރުކުން އަދާކުރުމަށް އަރަފާތަށް ދިއުމަށެވެ. ހައްޖުމަހުގެ 9 ވަނަ ދުވަހުގެ މެންދުރުފަހުން އަރަފާތުގައި މަޑުކުރުމަކީ ހައްޖުގެ އެންމެ މުހިންމު ރުކުނެވެ. އެ ބިމަށް އެދުވަހު އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ހައްޖު ނުލިބޭނެއެވެ.
އަރަފާތަށް ދިޔުމަށްފަހު ހައްޖުވެރިން މުޒްދަލިފާގައި ރޭކުރާނެއެވެ. މުޒްދަލިފާގައި ރޭކުރުމަށްފަހު ބޮޑުޖަމްރާއަށް ހިލައުކުން ކުރިއަށްގެންދިޔުމަށްފަހު ދެން އޮންނާނީ ހަދްޔު ކަތިލުމެވެ. އެއަށްފަހު މިނާގައި ރޭކުރުމަށްފަހު، ތިން ޖަމްރާއަށް ހިލައުކުމަށްފަހު ހައްޖުވެރިން ދެން ދާނީ ޠަވާފުލްއިފާޟާކުރުމާއި ޞަފާ ފަރުބަދައާއި މަރްވާ ފަރުބަދައާދެމެދު ސައުޔުކުރުމަށެވެ.
ހައްޖުވެރިންގެ އެންމެ ފަހުކަމެއްގެ ގޮތުގައި ކުރިއަށްގެންދާނީ ވަދާއުގެ ޠަވާފުކޮށް ހައްޖުގެ އަޅުކަން އަދާކޮށް ނިންމުމެވެ.
ހައްޖުގެ އަޅުކަމަކީ ކުޅަދާނަވެގެންވާ ކޮންމެ މުސްލިކަމަށް އުމުރުން އެއްފަހަރުކުރުން ފަރުޟުވެގެންވާ އަޅުކަމެކެވެ.
މިއަހަރު އެކި ގްރޫޕްތަކުން ހައްޖަށް މީހުން ގޮސްފައިވާ އަދަދު:
- މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްއިން 870 ހައްޖުވެރިން
- ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑްއިން 90 ހައްޖުވެރިން
- އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑްއިން 90 ހައްޖުވެރިން
- އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން 90 ހައްޖުވެރިން
މިދިޔަ އަހަރު ރާއްޖެއަށް ލިބުނު 453 ކޯޓާއަށް ހައްޖުގެ އަޅުކަން އަދާ ކުރުމަށް ދިވެހިން ދިޔައެވެ. ހައްޖު ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ކޯޓާ ބެހުމުގައި 353 ޖާގަ ހާއްސަކުރީ، ހައްޖު ކޯޕަރޭޝަންގެ ކިއުގައި ތިބި މީހުންނަށެވެ. ބާކީ 100 ކޯޓާގައި ހައްޖަށް ގެންދާނެ މީހުން ކަނޑައެޅީ، ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ މީހުންގެ މެދުގައި އާންމުކޮށް ހުޅުވާލައިގެން ނެގި ގުރުއަތުންނެވެ.