އެމްޑީޕީގެ މުސްތަގުބަލު މިހާރު ފެންނަނީ ކުރިއަށް ވުރެ އުޖާލާކޮށް ކަމަށް އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިހެން ވިދާޅުވީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް 18 އަހަރު ފުރުމާ ގުޅިގެން އެ ޕާޓީގެ މެންބަރުންނަށް ތަހުނިޔާ ފޮނުއްވަމުންނެވެ.

މިކަމާ ގުޅިގެން ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޒަމާންވީ އާއިލީ ބާރާއި ކަސްތޮޅުގެ ސަގާފަތުން މިނިވަންވެފައިވާ ފުރަތަމަ ސިޔާސީ ފިކުރަކަށް އެމްޑީޕީ މިއަދު ވެފައިވާ ކަމަށާއި، އެ ޕާޓީގެ މުސްތަގްބަލް ފެންނަނީ ކުރިއަށްވުރެ އުޖާލާކޮށް ކަމަށެވެ.

އެމް.ޑީ.ޕީ ގެ 18 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ޕާޓީގެ ލޮބުވެތި މެމްބަރުންނަށް އަރިސްކުރަން. ޒަމާންވީ އާއިލީ ބާރާއި ކަސްތޮޅުގެ ސަގާފަތުން މިނިވަންވެފައިވާ ފުރަތަމަ ސިޔާސީ ފިކުރަކަށް އެމް.ޑީ.ޕީ ހަދާލެވިފައި ވުމާއި އެކު ، ޕާޓީގެ މުސްތަގްބަލް ފެންނަނީ ކުރިއަށްވުރެ އުޖާލާކޮށް.
ނިޒާރު

ނިޒާރު ވަނީ ރައީސަށް ދެވަނަ ދައުރެއް ހޯދައި ދިނުމަކީ އައްޑޫ ރައްޔިތުންނަށް ވެސް ލާޒިމު ކަމެއް ކަމަށް ވިދާޅުވެފައެވެ. ސަބަބަކީ ސަރުކާރަކުން މިހާތަނަށް އައްޑު އަށް ގެނައި އެންމެ ބޮޑު ކުރިއެރުމާއި ތަރައްގީ ހޯދިފައި ވަނީ ރައީސް ސޯލިހުގެ ދައުރުގައި ކަމަށްވާތީ ކަމަށް އޭނަ ފާހަގަކުރެއްވިއެވެ.

އެމްޑީޕީއަށް 18 އަހަރު ފުރިފައި މިވަނީ އެމްޑީޕީގެ އެތެރޭގެ މައްސަލަ ބޮޑުވެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުގައި ހިމެނޭ ބޭފުޅުން އިސްވެ "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ޕާޓީއެއް އުފައްދަން މަސައްކަތް ފަށާ، ރައީސް ނަޝީދު އެމްޑީޕީއިން ވަކިވެފައިވާ ދަނޑިވަޅެއްގައެވެ.

އެމްޑީޕީއަށް 18 އަހަރު ފުރިމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެމްޑީޕީގެ 18 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ޕާޓީގެ ހުރިހާ މެންބަރުންނަށް އަރިސްކުރައްވާ، މާތް ﷲގެ ހެޔޮ ރަހުމަތްފުޅާއެކު ޕާޓީ އާއި ޕާޓީގެ މެންބަރުން އަބަދު ވެސް ދާނީ ކުރިއަށް ކަމަށް ވިދާޅުވެފައެވެ.

މިއަދު އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ދެއްވި ހިތާބުގައި ވިދާޅުވީ ދިވެހިން ހަށި ފޮޅާލައި މިނިވަންވެ ގަތުމުގެ އޮއިވަރުން އުފެއްދި ނަމެއްވާ ކަމަށާއި އެ ނަމަކީ އެމްޑީޕީ ކަމަށެވެ.

މިއަދުގެ ކާމިޔާބީއަށް އެމްޑީޕީ ވާސިލުވެފައި މިވަނީ ފަސޭހަ ދަތުރަކުންނެއް ނޫން ކަމަށާއި އެތެރޭގެ ގޮންޖެހުންތަކުން ކުރިމަތިވިި ތަކުލީފުތަކަކީ ސިޔާސީ ޕާޓީއަކުން ތަހައްމަލު ކުރާނެ އެންމެ އުނދަގޫ މަރުހަލާ ކެތްތެރިކަމާއެކު ޕާޓީގެ މަސްލަހަތު ހިފެހެއްޓި، އެމްޑީޕީގެ އަސާސްކަމުގައިވާ ޑިމޮކްރަސީގެ ހަމަތަކަށް އެންމެ ކުރިއަށް ނެރެގެން ކަމަށާއި ހިތި ހަގީގަތްތަކާއެކު ހިތުގެ އެއް ފަޅީގައި އެ ހިތާމަ ބަނދެގެން އެމްޑީޕީ ބަރުދާސްތު ކުރި ކުރުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.