ދިވެހިރާއްޖެއަށް އަންނަ ފަޔުރުވެރިންގެ އަދަދު އިތުރުވަމުން ދާއިރު ރާއްޖެ އާ އަޅާކިޔާލެވޭނެ ފަދަ ފަތުރުވެރިކަމުގެ އެހެން މަންޒިލެއް ނެތް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދުالله މައުސޫމް ވިދާޅުވެއްޖެއެވެ.

މައުސޫމް މިހެން ވިދާޅުވީ، ގްރީސްގެ ރިސޯޓަކުން، ރާއްޖެއަށް ވުރެ އަގުހެޔޮކޮށް ހިދުމަތްތައް ލިބޭ ކަމަށް ބުނެ ބޭރުގެ ނޫހެއްގައި ޖަހާފައިވާ ހަބަރަކާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެއަށް އެއްފަހަރަށް ވުރެ ގިނަ ފަހަރު އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އައުމާއި އަހަރުން އަހަރަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން ދާއިރު ރާއްޖެއާ އަޅާކިޔޭ ވަރުގެ އިތުރު އެއްވެސް މަންޒިލެއް ނެތްކަން އެކަމުން ދައްކުވައިދޭ ކަމަށެވެ.

މީގެ އިތުރުން މިދިޔަ ތިން އަހަރުވެސް ވިދިވިދިގެން ރާއްޖޭން ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް ހޯދާފައިވާފައިވާ ކަމަށާއި ރާއްޖެ ފަދަ މެހެމާންދާރީ ރަނގަޅު މަންޒިލެއް ނެތް ކަމަށް މައުސޫމް ވިދާޅުވިއެވެ.

މި އަހަރު ފެށުނު އިރު ޓޫރިޒަމް އަމާޒުގެ ގޮތުގައި ބުނެފައި ވާ 1.81 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށެވެ. ނަމަވެސް ޓުރިޒަމް ރަނގަޅުވަމުން އަންނާތީ އެ އަމާޒު ވަނީ 1.93 މިލިއަނަށް އިތުރުކޮށްފައެވެ. މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގާއި 8 ލައްކަ ފަތުރުވެރިން އައިސްފައިވާ އިރު، ބާކީ އޮތް ހަތް މަސް ދުވަހުގެ ތެރޭގައި އަމާޒް ހާސިލް ކުރެވޭނީ 1.1 މިލިއަން ފަތުރުވެރިން ހަމަކޮށްގެންނެވެ.

މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް 876،421 ފަތުރުވެރިން ރާއްޖެއަަށް ޒިޔާރާތް ކޮށްފައިވެއެވެ.