މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން ވައިޓް އެލާޓު ނެރެފިއެވެ.

ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭތީ ވައިތް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށެވެ.

މެޓް އޮފީހުން ބުނީ އެ ހިސާބުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށެވެ. އަދި އެހިސާބުތަކުގައި ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓު އޮފީހުން ވަނީ ބުނެފައެވެ.

މެޓް އޮފީހުން ވަނީ މިއަދު ހެނދުނު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް އެލާޓް ނެރެފައެވެ. މީގެ އިތުރުން ރޭ ދަންވަރު ވެސް މޫސުން ގޯސްވެ، ހއ. އިން މ. އާ ހަމައަށް އޮތީ އެލާޓް ނެރެފައެވެ.

މެޓް އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ އއ. ތޮއްޑޫއަށެވެ. އެ ރަށަށް 46 މިލިމީޓަރުގެ ވާރޭވެހިގެން ރެކޯޑް ކުރެވިފައެވެ.

މިއަދާއި މާދަމާ ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި މޫސުން ގޯސްވާ ވަގުތު ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރައްކާތެރިވެ ތިބުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ. ކުރިއަށް އޮތް ދެ ދުވަހު ވިއްސާރަކުރި ނަަމަވެސް އަންގާރަ ދުވަހާ ހިސާބުން މޫސުން އަލިވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް މި ދުވަސްވަރު މޫސުން ގޯސްވެފައިވާއިރު ސްކޫލު ޗުއްޓީ އާއި އީދު ބަންދު ފެށިފައިވާތީ ގިނަ ބަޔަކު ދަނީ ރަށްރަށަށް ދަތުރުކުރަމުންނެވެ.