އާންމުންގެ މެދުގައި މަގްބޫލުވެގެން ދިޔަ ފިލްމު "ބަވަތި"ގެ ކާމީޔާބީއަށް ފަހު ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ނެރޭ ދެވަނަ ފީޗާ ފިލްމު "ނީނާ" ގެ އާ ޕޯސްޓަރެއް ދައްކާލައިފިއެވެ.
މި އަހަރު ރިލީޒްކުރާ އެންމެ އުންމީދީ އެއް ފިލްމު ކަމަށްވާ "ނީނާ" އޮލިމްޕަސް ސްކްރީނަށް އަންނަ އޮގަސްޓް މަހުގެ ހަވަނަ ދުވަހު އަންނައިރު މި ފިލްމކީ ނުޒުހަތު ޝުއައިބު ޝަރަފް އަބްދުﷲ ލީޑު ރޯލުން ފެނިގެންދާ ފިލްމެކެވެ. މި ފިލްމަކީ ޝަރަފް ކުޅުނު ފުރަތަމަ ފިލްމުވެސްމެއެވެ. މި ފިލްމުގެ މަސައްކަތް ނިމި ފިލްމު އަޅުވަން ތައްޔާރުވެފައި އޮއްވާ ކޮވިޑް19 ގެ ވަބާގައި މުޅި ރާއްޖެ ލޮކްޑައުން ކުރުމާއެކު ފިލްމު އެޅުވުމުގެ މަގު އެއްކޮށް ބަންދުވިއެވެ. ދިވެހި އުފެއްދުންތައް އޮންލައިން ޕްލެޓްފޯމުން ފެނިގެންދިޔައިރު ޝަރަފް ގެ އެކްޓިން ވެސް ފެނިގެންދިޔައެވެ. ނަމަވެސް މި ފިލްމަކީ ޝަރަފް ކުޅުނު ފުރަތަމަ ފިލްމުކަން ފާހަގަކޮށްލެވެއެވެ.
ފިލްމުގެ 30 ޝޯ އޮލިމްޕަސް ސިނަމާގައި އަޅުވަން ނިންމާފައި ވާއިރު މި ފިލްމަކީ މިއަހަރު ސިނަމާއަށް ނެރޭނެ އެންމެ އުއްމީދީ އެއް ފިލްމެވެ. ބެލެވޭ ގޮތުގައި މި ފިލްމުވެގެންދާނީ މިއަހަރު ސިނަމާގައި އަޅުވާ އެންމެ ކާމިޔާބު އެއް ފިލްމަށެވެ. ފިލްމާ ދޭތެރޭ ކުރެވޭ އުންމީދު ވަރަށް ބޮޑެވެ. ފިލްމުގެ ޓީޒާ ޓްރެއިލާ މިހާރު އާންމުންނަށް ދޫކޮށްލާފައިވާއިރު މި ޓްރެއިލާ އަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ. މި ފިލްމަކީ ނުޒޫގެ ވަރަށް ތަފާތު މޮޅު އެކްޓިންނެއް ފެނިގެންދާނެ ފިލްމެއްކަމަށް ބެލެވެއެވެ. ސަބަބަކީ ފިލްމުގެ ޓްރެއިލާ އިން ވެސް ނުޒޫގެ ތަފާތު ލުކް ފެނި ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެނިގެން ގޮސްފައިވާތީއެވެ. ނީނާ އަކީ ލ އަތޮޅުގައި ބޮޑު ބައި ޝޫޓްކުރި ފިލްމެކެވެ.
މި ފިލްމުން ފެނިގެންދާނެ އިތުރު ތަރިންނަކީ ކުރީގެ ފިލްމީ ތަރި ވެޓަރަން އެކްޓްރެސް، މަރިޔަމް ރަޝީދާ، ހަމްދޫން ފާރޫގު، އަލީ ޔޫޝައު، އަލީ އިނާޒް، ހަސަން ޝިނާން، އިބްރާހީމް ޝާއިފް، ހުސައިން ޝާމިހު މުހައްމަދު، ނަތާޝާ ޖަލީލް، އައިޝާ އަލީގެ އިތުރުން މަރިޔަމް ޝަކީލާ އާދަމް އެވެ.