ރަޝިއާގެ ދެކުނުން ރޮސްޓޯވް ހިފުމަށް ފަހު ލިޕެސްކް ހުރަސްކޮށް މޮސްކޯގެ ރަށްބޭރާ އަރާ ހަމަވުމަށް ފަހު މޮސްކޯއަށް ވަނުން މަޑުޖައްސާލައިފި ކަމަށް ވެގްނާ ބޮސް ދާދި ދެންމެ ބުނެފިއެވެ.

ހަތިޔާރު އެޅި ހަނގުރާމަވެރި ޖަމާއަތް، ވެގްނާ ބޮސް މޮސްކޯއަށް ވަނުން މަޑުޖައްސާލީ ރަޝިއާގެ މަދަދުވެރިޔާ ބެލަރޫސްގެ ރައީސް އާ މަޝްވަރާތަކެއް ކުރުމަށް ފަހު ކަމަށް ހަބަރުތައް ބުނި ނަމަވެސް މީގެ އިރުކޮޅެއްގެ ކުރިން އާންމު ކުރި މެސެޖެއްގައި ވެގްނާ ބޮސް ބުނެފައި ވަނީ، ބެލަރޫސްގެ ރައީސް އާ މަޝްވަރާ ކުރެވުނު ނަމަވެސް އެއްބަސް ވުމަކަށް އާދެވިފައި ނުވުމުން މޮސްކޯއަށް ވަންނާނެ ކަމަށެވެ. އޭރު އޭނާގެ ފައުޖުގެ ފުރަތަމަ ޖަމާއަތް ތިބީ މޮސްކޯގެ ރަށްބޭރުގައި ދިފާއީ މަގާމުތައް ގާއިމު ކުރަން ކަމަށާއި، އެކަން ހަމަޖެހޭ އިރަށް ދެވަނަ ފައުޖު މޮސްކޯއަށް ވަންނާނެ ކަމަށެވެ.

ނަމަވެސް ދާދި ދެންމެ އޭނާ އާންމު ކުރި އޯޑިއޯ މެސެޖެއްގައި ބުނީ، މޮސްކޯއަށް ވަދެއްޖެ ނަމަ ލޭއޮހޮރުވުން ހިނގާނެ ކަމަށާއި، ދެފަހަރާތުންވެސް އޮހެރޭނީ ރަޝިއާގެ ރައްޔިތުންގެ ލޭ ކަމަށް ވާތީ މިވަގުތު މޮސްކޯއަށް ވަނުން މަޑުޖައްސާލީ ކަމަށެވެ.

އޭނާ ބުނީ، އޭނާގެ ފައުޖުތައް މިވަގުތު ތިބީ މޮސްކޯއާ ބަރާބަރު 120 މޭލުގެ ދުރުމިނުގައި ކަމަށާއި ނަމަވެސް އަނބުރާލައި ދާން ނިންމައިފި ކަމަށެވެ. އަދި އެ ޖަމާއަތުން ކުރިން ދެމި ތިބި ދެކުނާއި ހުޅަނގުގެ މަގާމުތަކަށް އެނބުރި ދާނެ ކަމަށް ވަނީ ބުނެފައެވެ.

މިއާއެކު ބެލަރޫސްގެ ރައީސްގެ އޮފީހުން އާންމު ކުރި ބަޔާނެއްގައި ބުނީ، ވެގްނާ ގްރޫޕަށް ރައްކާތެރިކަން ދޭމަތިން އިތުރަށް ކުރިއަށް ނުދާން ވެގްނާ އެއްބަސްވެއްޖެ ކަމަށެވެ.

ވެގްނާ ގްރޫޕަކީ، ރަޝިއަގެ ރައީސް އުފެއްދެވި ޖަމާއަތެއް ކަމަށް ވާއިރު، އޭނާގެ ވެރިކަމުގައި އެއްވެސް ފަރާތަކުން ނުރައްކާ ނުވާހާ ބޮޑަށް ވެގްނާގެ ފަރާތުން ނުރައްކާ ވި އިރު، މިއީ ޕުޓިން ލަދުގަންނާނެ ކަމެއް ކަމާށް މުރާސިލުން ބުނެއެވެ.

ވެގްނާއިން ފުރަތަމަ ހިފި ރޮސްޓޯވް އަކީ، މިހާރު ރަޝިއާއިން ކުރަމުން ގެންދާ ޔޫކްރައިން ހަނގުރާމައިގައި އިސްތިރާޖީ މުހިންމު ނިންމުންތައް ނިންމާ އަސްކަރީ މަރުކަޒެކެވެ. އަދި ދެކުނު ބިތުގެ އޮޕަރޭޝަންތައްވެސް ހިންގާ މައި މަރުކަޒަކީވެސް ރޮސްޓޯވް އެވެ.