އައިޖީއެމްއެޗްގެ ބޭރުގައި ބަހައްޓާފައި ހުންނަ ބީއެމްއެލްގެ އޭޓީއެމް މެޝިނަކަށް ގެއްލުން ދީފައިވީ ނަމަވެސް، އެއްވެސް ފައިސާ އެއް ނުގެއްލޭ ކަމަށާއި، އޭޓީއެމްގެ ހިދުމަތް މެދުކެނޑިފައި ނުވާ ކަމަށް ބީއެމްއެލުން ބުނެފިއެވެ.

ރޭ ފަތިހު 5:11 ހާއިރު ބީއެމްއެލްގެ އޭޓީއެމް މެޝިނަކަށް ގެއްލުންދީފައިވާ މައްސަލައަށް ލިބިފައިވާ ކަމަށް، ފުލުހުން މީޑިއާ އަށް ދިން މައުލޫމާތުގައި ބުނެފައިވެއެވެ.

ބީއެމްއެލްގެ އެ ސެލްފް ސާވިސް ސެންޓަރުގައި ބަހައްޓާފައި ހުންނަ ތިން އޭޓީއެމް މެޝިނުގެ ތެރެއިން ގެއްލުން ދީފައި ވަނީ މެދަށް ހުންނަ މެޝިނަށެވެ. އެ މައްސަލައާ ގުޅިގެން މީހަކު އަދި ހައްޔަރުނުކުރާ ކަމަށާއި މައްސަލަ ތަހްގީގުކުރަމުންދާ ކަމަށް، ފުލުހުން ބުންޏެވެ.

މިކަމާ ގުޅިގެން ބީއެމްއެލުން ބުނީ، އައިޖީއެމްއެޗުގައި ހުންނަ އެ ބޭންކުގެ ސެލްފް ސާވިސް ސެންޓަރުގައި ބަހައްޓާފައި ހުރި އޭޓީއެމަކަށް ގެއްލުންވެފައިވާ މައްސަލަ ރޭ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މީޑިއާ އަށް ދިން މައުލޫމާތުގައި ބީއެމްއެލުން ބުނީ:

  • އެ ހާދިސާގައި އޭޓީއެމަށް ގެއްލުންވެފައިވީ ނަމަވެސް، ފައިސާ ނުގެއްލޭ ކަމަށް
  • މާ ބޮޑު ގެއްލުމެއް އޭޓީއެމަށް ނުލިބޭ ކަމަށް
  • އެއީ ކަސްޓަމަރަކު ގަސްދުގައި ގެއްލުމެއް ދިނުމަށް ކުރި ކަމެއް ނޫން ކަމަށް

އެހެންކަމުން އެ އޭޓީއެމްގެ ހިދުމަތް މެދުކެނޑިފައި ނުވާ ކަމަށް، ބީއެމްއެލުން ބުންޏެވެ.