ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެތި އައްޑޫ ހިތަދޫން ހޯދައި، ފުލުހުންގެ ބެލުމުގެ ދަށަށް އެ ތަކެތި ގެންގޮސްފިއެވެ.

ފުލުހުން ބުނީ، ބަނގުރާ ކެއްކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި، ހިތަދޫގެ ވަލު ތެރެއިން ހޯދާފައި ވަނީ އިއްޔެގެ ވަގުތެއްގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ދަށުން ކަމަށެވެ.

އެ އޮޕަރޭޝަންގެ ދަށުން، ފުލުހުން ވަނީ ބަނގުރާ ކެއްކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެއްޗާއި، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ފަސް ލީޓަރުގެ ހަތަރު ފުޅި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ނަމަވެސް އެ އޮޕަރޭޝަންގައި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ

ފުލުހުން ބުނި ގޮތުގައި، އެ އޮޕަރޭޝަނަކީ ކުރިއަށް އޮތް އީދު ބަންދަކީ އާންމުންނަށް ރައްކާތެރިކަމާ އެކު ހޭދަކުރެވޭނެ އީދަކަށް ހެދުމަށް ހިތަދޫގެ ފުލުހުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.

މީގެ ކުރިން ވެސް އައްޑޫގެ ބައެއް އަވަށްތަކުން ބަނގުރާ ކައްކާ ސާމާނުތަކެއް ވަނީ ފެނިފައެވެ. އަދި އެފަދަ ބައެއް މައްސަލަތަކުގައި ބައެއް މީހުން ހައްޔަރު ކޮށްފައި ވެސް ވެއެވެ.