ހިޔާ ސްކީމުގެ ސިވިލް ސާވިސް ކެޓަގަރީން 50 ޕޮއިންޓަށް ވުރެ ދަށުން ޕޮއިންޓް ލިބިފައިވާ 45 ފަރާތްތަކަށް އެކި ސަބަބުތަކާ ހެދި ހިޔާ ފްލެޓުން ހުސްވެފައިވާ ފްލެޓްތަކުން ފްލެޓް ދޭން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މި 45 ފަރާތަށް ފެލްޓް ދޭން ނިންމީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޝްވަރާ ކުރެއްވުމަށް ފަހުއެވެ. ވަޒީރުން މަޝްވަރާ ކުރައްވާފައި ވަނީ ހިޔާ ސްކީމުގެ ސިވިލް ސާވިސް ކެޓަގަރީގެ ދާއިމީ ލިސްޓުގައި 50 ޕޮއިންޓަށް ވުރެ ދަށުން މާކްސް ލިބުނު ފަރާތްތަކަށް ފްލެޓް ހަވާލު ނުކުރާ ގޮތަށް ސަރުކާރުން ކުރިން ނިންމާފައިވާ ނިންމުމާއެކު އެ ކެޓަގަރީން ފްލެޓް ހަވާލުނުކޮށް ތިބި 45 ފަރާތަކަށް ފެލެޓް ހަވާލުކުރުމާ މެދު ގޮތެއް ނިންމުމާ މެދުގައެވެ.
ސިވިލް ސާވިސް ކެޓަގަރީ ފިޔަވައި ހިޔާ ސްކީމުގެ އެހެން އެއްވެސް ކެޓަގަރީއެއްގައި ދާއިމީ ލިސްޓްގައި 50 ޕޮއިންޓަށް ވުރެ ދަށުން ޕޮއިންޓް ލިބުނު ފަރާތްތަކުގެ ގޮތުގައި ނަން ހިމަނާފައި ނުވުމާއި ސިވިލް ސާވިސް ކެޓަގަރީއަކީ މިނިސްޓްރީތަކާއި މާލެ ސިޓީ ކައުންސިލު ހިމެނޭ ގޮތަށް ކޮންމެ އޮފީހަކަށް ވަކި އަދަދެއް ކަނޑައަޅައިގެން އެ އޮފީސްތަކުގެ ފަންނީ، އިދާރީ އަދި ސަޕޯޓް ސާވިސްގައި މަސައްކަތް ކުރާ ފަރާތްތަކަށް އަދަދު ކަނޑައަޅައިގެން ކުރިއަށް ގެންގޮސްފައިވާ ކެޓަގަރީއަކަށް ވާތީ މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ނިންމާފައި ވަނީ ދާއިމީ ލިސްޓުގައި ވާ 45 ފަރާތަށް ފްލެޓް ހަވާލު ކުރުމަށެވެ.
މީގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި ވަނީ އެކި ސަބަބުތަކާ ހެދި ހުސްވެފައިވާ ހިޔާ ސްކީމުގެ 145 ފްލެޓް، ރިޒާވް ލިސްޓުން މާކްސް ތަރުތީބުން ދިނުމަށް ވެސް ނިންމަވާފައެވެ.