ބ. އޭދަފުށީ ބަނދަރު ތަރައްގީ ކުރުމަށް 64.67 މިލިއަން ރުފިޔާގެ މަޝްރޫއު 450 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވ،ީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ ހަމީދެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން 28,304 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއ،ި 3354 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއ،ި 170 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. 383 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 402 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއ،ި މޫރިން ބޯއީސް ހަރުކުރުމާއ،ި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުން ވެސް ހިމެނެއެވެ. މީގެ އިތުރުން 18 މީޓަރު ދިގު 2 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމާއި 1814 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި 402 މީޓަރުގެ ސަރަހައްދެއްގައި ކާބްސް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 64.67 މިލިއަން ރުފިޔާއަށް 450 ދުވަސް ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އެންވާރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުގައި ކމަށް އެމްޓީސީސީން ބުނެއެވެ.

ގާތްގަނޑަކަށް 3469 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ބ. އޭދަފުށީ ރައްޔިތުން އާމްދަނީ ހޯދުމަށްޓަކައި އާއްމުކޮށް ހަރަކާތްތެރި ވަނީ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާގައެވެ. އެ ރަށުގައި މަހަށް ފުރާ 6 ދޯނި އޮންނަ އިރު، "ސްޕޯޓްސް ފިޝިން" އަކީ ވެސް އެ ރަށު ޒުވާނުންގެ މެދުގައި މިހާރު ޝައުގުވެރިކަން އިތުރުވަމުން އަންނަ ދާއިރާއެކެވެ. މީގެ އިތުރުން ބ. އަތޮޅަކީ އެންމެ މުއްސަނދި ރިސޯޓްތައް އޮޕަރޭޓްކުރާ އެއް އަތޮޅަށް ވާއިރު، އޭދަފުށްޓަށް ޒިޔާރަތް ކުރާ ފަތުރުވެރިން އަންނަނި އިތުރުވަމުންނެވެ.

އެގޮތުން މިއަދު ސޮއިކުރޮ ބ. އޭދަފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަކީ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް އިތުރު އާރޯކަމެއް އަންނާނެ މަޝްރޫއެއް ކަމަށް އެމްތީސީން ބުނެއެވެ. އަދި މި މަޝްރޫއުގެ މަސައްކަތް ނިމުމާއެކު ރައްޔިތުންނާއި ފަތުރުވެރިން އަރާ ފޭބުމަށާއި މުދާ ބޭލުމަށް ލުއިފަސޭތަކެއް ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މަސްވެރިންނަށް އޮޑި ދޯނި ފަހަރު އަޅާފައި ބާއްވާނެ ޖާގަ ތަނަވަސް ޒަމާނީ ބަނދަރެއް ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.