މާލެ ސަރަހައްދުގައި މިހާރު އިމާރާތް ކުރަމުންދާ ތިން ސްކޫލުގެ މަސައްކަތް ނިންމާ ކުރިއަށް އޮތް ދިރާސީ އާ އަހަރުގެ ފުރަތަމަ ޓާމް ތެރޭގައި ބޭނުންކުރަން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހުޅުމާލެ ފޭސް ދޭއްގައި ތަރައްގީ ކުރަމުންދާ ސަލާހުއްދީން ސްކޫލާއި މާލޭގައި ހަދާ ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތުގެ އިތުރުން ސީއެޗްއެސްސީގެ އާ އިމާރާތްވެސް މި ފެށޭ ދިރާސީ އާ އަހަރު ބޭނުން ކުރެވޭނެ ކަމަށެވެ.

ސަލާހުއްދީން ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަން އާ ހަވާލުކޮށްފައި ވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. 118،336،879 ރުފިޔާގެ އަގަކަށް، އަމީން ކޮންސްޓްރަކްޝަން އާ މަސައްކަތް ހަވާލުކޮށްފައި ވަނީ 390 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އަދި ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައި ވަނީ 2020 ވަނަ އަހަރު ފެބްރުއަރީ މަހުއެވެ. އެއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މަސައްކަތް ފެށި ނަމަވެސް މަޑުޖެހިގެން ދިޔައީ އިމާރާތުގެ ކުރެހުމުގައި ބޮޑެތި މައްސަލަތަކާއި ރީޑިޒައިނިން ދިގުލައިގެން ދިއުމުގެ އިތުރުން ކޮވިޑް-19ގެ ސަބަބުން ކަމަށް އެޑިއުކޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ. އެ ސްކޫލް ޑިޒައިން ކޮށްފައި ވަނީ 1000 ދަރިވަރުންނަށް ކިޔެވޭގޮތަށް 41 ކްލާސްރޫމް ހިމަނައިގެންނެވެ.

އަދި ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް ނިމުމާއެކު ދަރުމަވަންތަ ސްކޫލް މިހާރު ހިންގަމުންދާ އިމާރާތަށް އަރައްބިއްޔާ ސްކޫލްގެ ދަރިވަރުން ބަދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.

މީގެ އިތުރުންވެސް އޭލެވެލްއަށް ކިޔަވައިދޭން ހާއްސަ ކޮށްފައިވާ ސްކޫލް، ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ހުޅުމާލެ އަށް ބަދަލު ކުރަން ސަރުކާރުން ނިންމައިފައި ވަނީ 2020 ވަނަ އަހަރުއެވެ.

19 ކްލާސްރޫމާއި ހަ ލެބޯޓަރީގެ އިތުރުން ހަތަރު ސްޓާފްރޫމް ހެދުމަށް ރަޝީދު ކާޕެންޓްރީއާ މަސައްކަތް ހަވާލުކުރީ 33.4 މިލިއަން ރުފިޔާއަށް 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ނަމަވެސް އަދި މިހާތަނަށް ސްކޫލް ނިމިފައެއް ނުވެއެވެ.

2023-2024 ވަނަ ދިރާސީ އާ އަހަރަށް ތައްޔާރުވުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކޮށް އިތުރަށް ބަޔާނުގައި ބުނެފައި ވަނީ އަންނަ ޖުލައި މަހުގެ 15އާ ހަމައަށް ހުރިހާ ސްކޫލްތަކަކަށް ފޮތްތައް ފޮނުވާ ނިމޭނެ ކަމަށެވެ. އަދި ދިރާސީ އާ އަހަރު ފެށުމުގެ ކުރިން ސްކޫލްތަކަަށް ޓީޗަރުން ހަމަވާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.