ސަރުކާރުން ކުރިއަށް ގެންދާ "ގެދޮރުވެރިޔާ" އަދި "ބިންވެރިޔާ" ސްކީމްގެ ދަށުން ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަށަވަރުވެގެންދާއިރު އެ ފަރާތްތަކާމެދު ސުވާލު އުފެއްދުމުގެ ފުރުސަތު ނޯންނާނެ ކަމުގެ ޔަގީންކަން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ދެއްވައިފިއެވެ.

ބޯހިޔާވަހި ކަމުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަން ލިބޭ ފަރާތްތައް ކަށަވަރުވެގެންދާއިރު އެކަމާ ގުޅޭގޮތުން މާ ގިނަ ސުވާލު އުފައްދާނެ ފުރުސަތެއް ނޯންނާނެ ކަމުގެ ޔަގީންކަން ދެއްވަމުން މިއުވާން ވިދާޅުވީ ވަކި ފަރާތަކަށް ފްލެޓް ނުވަތަ ގޯތި ދިނުން ފަދަ އެއްވެސް ކަމެއް ނުހިނގާނެ ކަމަށެވެ.

މިއުވާން ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަކި ކަމުގެ ޕްރޮގްރާމްގެ ދަށުން މާލެ ސަރަހައްދުން ގޯއްޗަށާއި ފްލެޓްއަށް ހުޅުވާލުމުން މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކުން އެކަމަށް ބޭނުންވެފައިވާ މިންވަރު ހާމަވެގެން ދިޔަ ކަމަށެވެ. އަދި ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ސިޔާސަތުގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓުގެ މަސައްކަތް މިހާރު އެއްކޮށް ކަހަލަ ގޮތަކަށް ނިންމާލެވިފައިވާ ކަމަށެވެ.

"އަޅުގަނޑު ޔަގީންކަން މި އަރުވަނީ ބޯހިޔާވަހި ކަމުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަން ލިބޭ ފަރާތްތައް ކަށަވަރުވެގެންދާއިރު އެކަމާ ގުޅޭގޮތުން މާ ގިނަ ސުވާލު އުފައްދާނެ ފުރުސަތެއް ނޯންނާނެ ކަމަށް، އެހެންވީމަ ވަކި ފަރާތަކަށްދީގެން އޮންނަ ވަކި ލިސްޓަކަށް ބޯހިޔާވަހިކަން ދިނުމާ މިކަހަލަ އެއްވެސް ކަމެއް ނުހިނގާނެ ކަމުގެ ޔަގީންކަން މިހާރުވެސް އަޅުގަނޑު ތިބޭފުޅުންނަށް އަރުވަން"
މިއުވާން މުހައްމަދު

ގޯތި ލިބޭ މީހުންގެ ލިސްޓާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ވަޒީރުންގެ މަޖިލީހުގެ ހާއްސަ ބައްދަލުވުމެއް މިއަދު މެންދުރުފަހު ރައީސް އޮފީހުގައި އޮންނާނެ ކަމަށް މިއުވާން ވިދާޅުވިއެވެ. އަދި މި މަަސް ނިމުމުގެ ކުރިން ލިސްޓު އާންމު ކުރައްވާނެ ކަމަށް ވެސް މިއުވާން ވަނީ ވިދާޅުވެފައެވެ.

މާލޭގައި ބޯހިޔާވަހިކަމަށް އޮތް ދަތިތަކަށް ހައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުން ހުޅުވާޅި "ގެދޮރުވެރިން" ސްކީމަށް ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު 35،861 ފަރާތަކުން ވަނީ ފޯމް ހުށަހަޅާފައެވެ.

  • ބިންވެރިޔާ: 15،164 ފޯމް
  • ގެދޮރުވެރިޔާ (ތިން ކޮޓަރީގެ އެޕާޓްމަންޓް): 14،489 ފޯމް
  • ގެދޮރުވެރިޔާ (ދެ ކޮޓަރީގެ އެޕާޓްމަންޓް): 6،208

މާލެ ރައްޔިތުންނަށް ދޫކުރާ 5،000 ގޯތީގެ ތެރެއިން 3،000 ގޯއްޗަށާއި 4،000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލާފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ.