އެނގޭ ކަމަށް ހެދިގެން އުޅުނަސް މުޅިން ރޯނު އެދުރުން ކަމަށް ވިދާޅުވެ ތ. ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފުގެ ނުސީދާ ހަމަލާއެއް މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒާއި އަނބިކަނބަލުން، ހުޅުދޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށް އަމާޒުކޮށްލައިފިއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކާއި އަމިއްލަ މެންބަރުން ތަމްސީލު ކުރައްވާނެ ނިސްބަތަށް ގެނެވޭ ބަދަލާ މެދު ބަހުސް ކުރުމުގެ ފުރުސަތުގައި އަފީފު ވަނީ ދުނިޔޭގެ އެހެން ރައްޔިތުން މަޖިލީސްތަކުގެ ކަންތައްތައް ކުރާ ގޮތަށް ކަންތައްތައް ކުރައްވަން ވިދާޅުވެފައެވެ.
އަފީފު ވިދާޅުވީ އޭނާ ދެނެވަޑައިގަންމަވާ އެއްވެސް ރައްޔިތުންގެ މަޖިލީހެއްގައި މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ސަރުކާރަށް ނިސްބަތްވާ މެންބަރަކު ނުހުންނަވާ ކަމަށާއި އަބަދުވެސް އިންނަވަނީ އިދިކޮޅަށް ނިސްބަތްވާ މެންބަރެއް ކަމަށެވެ. އަދި ސަރުކާރު ޒިންމާދާރު ކުރަން ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީ އަކީ ސަރުކާރު އެންމެ ބޮޑަށް ޒިންމާދާރު ކުރުވަން ޖެހޭ ކޮމިޓީ ކަން ފާހަގަކުރައްވާ އަފީފު ވަނީ އެ ކޮމިޓީ ސަރުކާރު ކޮންޓްރޯލްގެ ދަށުގައި އޮތުމުން ސަރުކާރު ޒިންމާދާރު ކުރެވޭނެ ގޮތަކާ ގުޅޭ ގޮތުން ސުވާލު އުފައްދަވާފައެވެ.
އެއާއެކު އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާ އަފީފަކީ އެމްޑީޕީގައި ހުންނަވައި އެމްޑީޕީ ވެރިކަމެއްގައި މުގައްރިރު ކަމަށް ވިދާޅުވެފައެވެ. އެ ހިސާބަށް ވިދާޅުވުމުން ނަޝީދު ވަނީ މައިކް ކަނޑާލައްވާ ޝިފާއު ނެންގެވީ ނިޒާމީ ނުކުތާ، ނިޒާމީ ނުކުތާ އަކާ ދިމާލަށް މިސްރާބު ޖަހާފައި ހުރި ކަމަށް އެއްގޮތަކަށްވެސް ފާހަގަ ނުވާ ކަމަށް ވިދާޅުވެފައެވެ.
އަފީފު ވަނީ މިއަދު އެމްޑީޕީއޭ ކިޔާ، ވާހަކަ ދައްކާ ބޭފުޅުން އެމްޑީޕީ އުފައްދައިގެން މި ހިސާބަށް އެމްޑީޕީ ގެނައިއިރު ތިއްބެވީ ކޮންތަނެއްގައި ތޯ ސުވާލު އުފައްދަވާ [ރޮޒެއިނާ އާއި ނާޝިޒަށް] އަމާޒު ކުރައްވާ ފައެވެ. އަދި މަޖިލީހަށް ވަދެ، 5 އަހަރު ހަމަ ނުވެގެން އުޅޭއިރު މަޖިލިސް ހިނގާ ގޮތް އަދި ސާފުކޮށް ނޭނގޭނެ ކަމަށް ވެސް އަފީފު ވަނީ ވިދާޅުވެފައެވެ.
އަފީފު ވިދާޅުވީ މާ ބޮޑަށް ކަންތައްތައް އެނގޭ ކަމަށް ހެދިގެން އުޅުނު ކަމުގައި ވިޔަސް އެނގޭ އެއްވެސް އެއްޗެއް ނެތް ކަމަށާއި މުޅިން އުޅުއްވަނީ ރޯނު އެނދުރުން ކަމަށެވެ. އަދި މަޖިލީހަށް ބައެއް މެންބަރުން ވަޑައިގަންނަވަނީ ވަގު ހިފަން ކަމަށް ވެސް އަފީފު ވަނީ ވިދާޅުވެފައެވެ.
މިއަދުގެ މަޖިލީހުގައި ސަރުކާރާ އިދިކޮޅު މެންބަރުން ވަނީ ރައީސްގެ ކެމްޕެއިން މެނޭޖަރެއްގެ ގޮތުގައި ހުންނެވި ނާޝިޒު މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް އިންނެވުމުން ފާޑުވިދާޅުވެފައެވެ.
އެގޮތުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމުގެ ގޮތުން ވޭތުވެދިޔަ ދުވަސްތަކުގައި މެޖޯރިޓީ ޕާޓީއާއެކު ކުރި މަޝްވަރާތަކުން އެނގެވަޑައިގެންނަވީ މެޖޯރިޓީ ޕާޓީގެ ހުދުމުހުތާރުކަން ކަމަށެވެ. އަދި ހާއްސަ ކޮށް މެޖޯރިޓީ ލީޑަރުގެ ހުދުމުހުތާރުކަން އެކަމުގައި އޮތް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މާލިއްޔަތު ކޮމިޓީގައި އިންނަވަން ޖެހިވަޑައިގަންނަވަނީ ރައީސްގެ ކެމްޕެއިން މެނޭޖަރު ކަމަށެވެ. އަދި މެޖޯރިޓީ ޕާޓީއިން ދެކޭ ގޮތުގައި ދިވެހި ރާއްޖޭގެ މިނިވަން މުވައްސަސާތައް ބަލަހައްޓާ ކޮމިޓީގެ މުގައްރިރަކަށް އިންނަން ޖެހިވަޑައިގަންވަނީ މާލިއްޔަތު ކޮމިޓީގެ މުގައްރިރު ނާޝިޒްގެ އަނބިކަނބަލުން، ހުޅުދޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކަމަށް ޝިޔާމް ވިދާޅުވިއެވެ. މިކަން މިހެން ހުރި އިރުވެސް ބުނަނީ 'އެއީ ޑިމޮކްރަސީ އޭ' ކަމަށް ވިދާޅުވެ ޝިޔާމް ވަނީ ފާޑުވިދާޅުވެފައެވެ.