ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުތަކަށް އަރާވަޑައިގެންފައިވާ ކަމަށް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ނިންމައިފިއެވެ

އަފީފާއި އީވާ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުތަކަށް އަރައިގެންފައިވާ ކަމަށް ބުނެ އިމްތިޔާޒުގެ މައްސަލަ އެއް ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހެޅި ގަރާރު ދެ ފަހަރަށް އެޖެންޑާކުރުމުން ވެސް، ގަރާރު ހުށަހަޅާފައި ވަނީ ގަވައިދާ ހިލާފަށް ކަމަށް އަފީފާއި ފަހުން އީވާ ވެސް ނިންމަވައި، އެ ގަރާރު ބޭރުކޮށްލުމާ ގުޅިގެންނެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން މައްސަލަ ހުށަހެޅުއްވި ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި މައްސަލައިގެ ބަޔާނުގައި ވިދާޅުވީ:

  • ތަޅުމުން ގޮތެއް ނުނިންމަނީސް މަޖިލީހަށް ހުށަހެޅިފައިވާ ގަރާރެއް ނިންމާލުމުގެ ބާރު ރިޔާސަތަށް ލިބިގެން ނުވާ ކަމަށް
  • މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގެ ދަށުން ރިޔާސަތުގައި އިންނަވާ މެންބަރަށް ލިބިގެން ވަނީ މަޖިލީހުގެ ރައީސަށް ލިބިވަޑައިގެންފައިވާ ބާރުތަށް ކަމަށް
  • އެހެންކަމުން އަފީފް މިއަދުގެ ޖަލްސާ ނިންމަވާލެއްވީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް
  • ވުމާއެކު އަފީފްގެ އަމަލަކީ މެންބަރުންގެ އިމްތިޔާޒަށް އުނިކަމެއް އަންނާނެ ފަދަ އަމަލެއް ކަމަށް

"މީގަ ވާ ގޮތަކީ ވަރަށް ބޮޑަށް މަސްލަހަތު ފުށޫއަރާ ބޭފުޅުން، އެ ބޭފުޅުން ގަދަކަމުން މަޖިލީހުގެ ރިޔާސަތު ހިސޯރުކުރައްވައިގެން ތިއްބަވަން ބޭނުންފުޅުވަނީ، އެހެންވީމާ އެކަމަށް ކޮންމެވެސް ހުއްޖަތެއް ދައްކަވާނެ،" 'ދަ ޕްރެސް' އިން ސުވާލުކުރުމުން އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، އަފީފާއި އީވާގެ އަމަލުތައް ހުންނެވީ ގާނޫނުއަސާސީގެ 75 ވަނަ މާއްދާ އާ ހިލާފަށް ކަމަށެވެ.

ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައިވާ ގޮތުން، މަޖިލީހުގެ މެންބަރުން އަމަލުކުރަން ވާނީ ގައުމީ މަސްލަހަތު އިސްކޮށްގެންނެވެ. އަދި އެއްވެސް މެންބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ހާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެން ނުވާނެ ކަމަށް، އެ މާއްދާގައިވެއެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ ދެ ނިންމުމެއް ނިންމައިފައެވެ. އެއީ:

  • އަފީފާއި އީވާ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒަށް އަރާވަޑައިގެންފައިވާ ކަމަށް
  • އެ ދެ ބޭފުޅުން ހިމެނޭހެން ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހެޅި ގަރާރުގެ މައްސަލައިގެ ރިޔާސަތު ޑިމޮކްރެޓުންގެ އެއްވެސް މެންބަރަކަށް ނުބެލެހެއްޓޭނެ ކަމަށް ކަނޑައެޅުމަށް އާންމު ކޮމިޓީ އަށް ފޮނުވުމަށް

ހަމަ އެއާއެކު ކޮމިޓީ ބައްދަލުވުމުގައި ވަނީ ޑިމޮކްރެޓުންގެ މެންބަރުންނަށް ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމަށް ހުށަހަޅާ ގަރާރު އެޖެންޑާކޮށްފައިވާ ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް ކަނޑައެޅުމަށް ހުށަހެޅި ހުށަހެޅުމާ މެދު ވީހާ ވެސް އަވަހަކަށް ގޮތެއް ނިންމައިދިނުމަށް އާންމު ކޮމިޓީ އަށް ލަފާ އެރުވުމަށް ވެސް ނިންމައިފައެވެ.

ނަޝީދު މަގާމުން ވަކިކުރުމުގެ ގަރާރުގެ މަސައްކަތް މިއަދު އެންމެ ފުރަތަމަ އެޖެންޑާކުރީ ހެނދުނު 9 ޖަހާއިރު އޮތް ޖަލްސާއަށެވެ. ނަމަވެސް ނަޝީދު ވަކިކުރުމަށް އެމްޑީޕީން ގަރާރު ހުށަހެޅީ ގަވައިދާ ހިލާފަށް ކަމަށް ވިދާޅުވެ، ރިޔާސަތު އޭރު ބެލެހެއްޓެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ގަރާރު ބޭރުކޮށްލެއްވީއެވެ.

އީވާ ސަލާމުގައި ހުންނެވުމުން ރިޔާސަތާ ހަވާލުވި އަފީފް ވަނީ ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން ގަރާރު އަލުން ހުށަހެޅުމަށް އެމްޑީޕީގެ މެންބަރުންނަށް އަންގަވައިފައެވެ.

އޭގެ ފަހުން މިއަދު 11:30 ގައި އަލުން ފެށި ޖަލްސާގެ ރިޔާސަތާ ހަވާލުވުމަށް ފަހު އީވާ ވަނީ ހެނދުނު އެންމެ ފުރަތަމަ ބޭއްވި ޖަލްސާގައި ނަޝީދު ވަކިކުރުމަށް ހުށަހެޅި ގަރާރު ރިޔާސަތުން ވަނީ ބޭރުކޮށްލާފައި ކަމަށާއި، އެހެންކަމުން ގަރާރުގެ މަސައްކަތް އިތުރަށް ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެ، އެ ޖަލްސާ ވެސް ނިންމަވާލައްވައިފައެވެ.