މިއަދުގެ މަޖިލީހުގެ ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން ރިޔާސަތުގައި އިންނަވަނިކޮށް ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު ނެންގެވި ފޯން ކޯލަކީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޯލެއް ނޫން ކަމަށް އަފީފު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން އަފީފަށް ލިބިވަޑައިގެންނެވި ފޯނު ކޯލްގައި އޭނާ ވަނީ "އާދެ، ނިންމާލަނީ، ނިންމާލަނީ" ކަމަށް ވިދާޅުވެފައެވެ. އެއަށް ފަހު، މަޖިލީހުގެ ނިޒާމު ގެއްލިފައިވާ ކަމަށް ވިދާޅުވެ އަފީފު ވަނީ މަޖިލީހުގެ ޖަލްސާ ނިންމަވާލައްވާފައެވެ.

އެކަމާ ގުޅިގެން އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުން ވަނީ މަޖިލީހުގެ ޖަލްސާ ނިންމަވާލެއްވީ އައި އޯޑަރަކަށް ކަމަށް ވިދާޅުވެ އަފީފަށް ގުޅުއްވީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އެ ފޯނު ކޯލު އައީ މަޖިލީހުގެ އިދާރާގެ ކުޑަދޮށުން ކަމަށްވެސް ބައެއް މެންބަރުން ތުހުމަތު ކުރައްވައެވެ.

އެކަމާ ގުޅިގެން "ދަ ޕްރެސް" އާ ވާހަކަ ދައްކަވަމުން އަފީފު ވިދާޅުވީ ފޯނު ކޯލަކީ ރައްޓެއްސެއްގެ ފޯނު ކޯލެއް ކަމަށާއި އެ ކޯލު އައީ މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވޭތީ ނިންމަވާލެއްވުމަށް ތައްޔާރުވެ ވަޑައިގަންނަވަމުން ގެންދަވަނިކޮށް ކަމަށެވެ. ގުޅުއްވީ މަޖިލީހުގެ ރައީސް ކަމަށް ތުހުމަތުތައް ކުރަމުން ދާތީ އަފީފު ވިދާޅުވީ ރައީސް ނަޝީދު މާލެ ވަޑައިގެން އުޅުއްވާ ކަމެއްވެސް އޭރު އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

ތަކުރާރުކޮށް އަފީފު ވިދާޅުވީ ގުޅުއްވީ މަޖިލީހުގެ ރައީސް ނޫން ކަމަށާއި އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތުގެ މަތިން ހުވާ ކުރައްވަން ޖެހިވަޑައިގަތަސް ހުވާކުރައްވާނެ ކަމަށެވެ.

"މަޖިލީހުގެ ރައީސްއެއް ނޫން ހަމަ ޔަގީނުންވެސް، ތިބޭފުޅުން ގަބޫލުކުރިޔަސް ނުކުރިޔަސް ދެން އޮންނާނީ އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތަށް ހުވާކުރުން، ހުވާކުރަން ޖެހުނަސް ހުވާވެސް ކުރާނަން މަޖިލިސް ރައީސް ނޫން ކަމަށް"
އަފީފު

މިއަދުގެ ޖަލްސާގެ އެޖެންޑާގެ ތެރެއިން އެއްވެސް މަސައްކަތެއް ކުރިއަށް ނުދިޔަ ތާނގައި، ފާހަގަވެގެން ދިޔައީ އެއް މެންބަރަކު އަނެއް މެންބަރަކާ ދިމާލަށް 'ހަޑިހުތުރު ބަހުން އެއްޗެހި ގޮވައި'، މެންބަރުންގެ ވާހަކަ އަށް ހުރަސް އަޅުއްވައި، ތިން ގަޑިއިރު ބޭކާރު ގޮތުގައި ނަގާލި މަންޒަރެވެ.

ޖަލްސާ ކުރިއަށް ނުގެންދެވިގެން އެންމެ ފުރަތަމަ މެދުކަނޑާލީ ހެނދުނު 9:30 ހާއިރު، ޕާޓީތަކުގެ މަޖިލިސް ގްރޫޕްތަކުގެ ލީޑަރުންނާއި ރިޔާސަތާ ދެމެދު ޖަލްސާ ކުރިއަށް ގެންދާނެ ގޮތަކާ މެދު މަޝްވަރާ ކުރުމަށެވެ. އޭގެ ފަހުން ޖަލްސާ އަލުން ފަށާފައި ވަނީ ސައި ގަޑީގެ ފަހުން، 11:30 ގެ ވެސް ފަހުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސަތު ބެލެހެއްޓެވި ވިލުފުށި ދާއިރާގެ މެންބަރު ހަަސަން އަފީފް ވަނީ ސައި ގަޑިއަށް ފަހު މަޖިލިސް ފަށްޓަވައި، ކުއްލި މައްސަލަ ހުށަހެޅުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރަށް ފުރުސަތު ދެއްވާފައެވެ. މިއަދުގެ ފުރަތަމަ ދަންފަޅިއެކޭ އެއްގޮތަށް، މެންބަރުން އަޑުގަދަކުރައްވަމުން ގެންދަވާތީ ޝަރީފަށް ކުއްލި މައްސަލަ ހުށަހެޅުއްވޭ ގޮތެއް ނުވިއެވެ.

ކުރިން ވެސް ނެންގެވި ނިޒާމީ ނުކުތާ އަލުން ނަންގަވައި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 54 ވަނަ މާއްދާ އަށް ރިއާޔަތް ކުރައްވާފައެވެ. އެ މާއްދާގެ (ށ) ގައި ވާ ގޮތުން، ޖަލްސާގެ އެޖެންޑާ ގައި ހިމަނާނީ އެ ޖަލްސާއެއްގައި ނިންމުމަށް، ނުވަތަ ކުރުމަށް އެދި ހުށަހަޅާ ކަންކަމެވެ. އެ ކަންކަން އޮންނަން ވާނީ ސާފުކޮށް އެނގޭ ވަރަށް، އަދި ނިންމަން އެދޭ ތަރުތީބުން ކަމަށް ވެސް ވެއެވެ.

އާޒިމްގެ އިތުރުން، "ޑިމޮކްރެޓްސް" އަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުން ވިދާޅުވަމުން ގެންދެވީ، ކޮމިޓީތައް އެކުލަވާލުމަށް އެޖެންޑާ ކޮށްފައިވާ މައްސަލަ ސާފުނޫން ކަމަށެވެ. އެހެންވެ، އެ މެންބަރުން ގޮވާލައްވަމުން ގެންދެވީ އެ ނަންބަރު އެޖެންޑާ އިން ނަންގަވައި، ޖަލްސާ ކުރިއަށް ގެންދިއުމަށެވެ.

ވަކި ހިސާބަކުން ޑިމޮކްރެޓްސްގެ ބައެއް މެންބަރުން ގޮނޑިތަކުން ތެދުވެ، ރިޔާސަތުގެ މޭޒު ކުރިމައްޗަށް ވަޑައިގެން، ކޮމިޓީތަކުގެ މައްސަލަ އެޖެންޑާ ނުކުރެވޭނެ ކަމަށާއި، ޖަލްސާ ކުރިއަށް ދަނީ ގަވައިދާ ހިލާފަށް ކަމަށް ވިދާޅުވާ މަންޒަރު ފެނެއެވެ. އެ މެންބަރުންގެ އިތުރުން، އިދިކޮޅު މެންބަރުން އެއް އަޑަކުން ގެންދެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް "އިބޫ ޗޯރު"ގެ ނަމުން މުހާތަބު ކުރައްވަމުންނެވެ. އޭރު ވެސް އަފީފް ގެންދެވީ، މެންބަރުން ގޮނޑިތަކަށް ވަޑައިގަތުމަށް ދަންނަވަމުންނެވެ.

ޖަލްސާ މެދުކަނޑާލިތާ 20 މިނެޓަށް ފަހު އަލުން ޖަލްސާ ފެށި ނަމަވެސް، މެންބަރުންގެ އަޑު މަޑުވާ ގޮތެއް ނުވިއެވެ. ޑިމޮކްރެޓްސްގެ މެންބަރުން ޖަލްސާ "ނުގެންދެވޭނެ" އޭ ވިދާޅުވާ އަޑު އިވެއެވެ. ޑިމޮކްރެޓްސް އާއި ޕީޕީއެމްގެ މެންބަރުން "ޗޯރޭ" އާއި "ޗޯރު އިބުރޭ" ގޮވަމުންދާ އަޑު އިވެއެވެ. އެވަގުތު ވެސް އަފީފް ގެންދެވީ މެންބަރުން މަޖިލީހުގެ ގަވައިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށާއި ގޮނޑިތަކަށް ވަޑައިގަތުމަށް ގޮވާލައްވަމުންނެވެ.