އެމްޑީޕީން ވަކިވެވަޑައިގަތުމަށް ފަހު އެ ޕާޓީ އާ އަލުން ގުޅިވަޑައިގަތް ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރާ އެކު، ޖުމްހޫރީ ޕާޓީގެ ކުރީގެ މެންބަރުންތަކެއް އެމްޑީޕީ އަށް މިއަދުގެ ވަގުތެއްގައި ސޮއިކޮށްފިއެވެ.

މިރޭ ކުރި ޓްވީޓެއްގައި އެމްޑީޕީން ބުނީ، ކުރީގެ ކައުންސިލް މެންބަރުން ހިމެނޭ ހެން، ޖުމްހޫރީ ޕާޓީގެ ކުރީގެ ގިނަ މެންބަރުން އެ ޕާޓީ އަށް މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.

އެ ޓްވީޓާ އެކު އެމްޑީޕީން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ހިމެނިވަޑައިގަންނަވާ ހެން، އެމްޑީޕީގެ އިސް ބައެއް ބޭފުޅުން، އެމްޑީޕީ އާ އަލަށް ގުޅުނު މެންބަރުންނާ ބައްދަލުކުރައްވާފައިވެއެވެ.

މިއަދު އެމްޑީޕީ އާ ގުޅިވަޑައިގަތް ބައެއް މެންބަރުންގެ ތެރޭގައި ސަމީރުގެ އިތުރުން، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި، ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާމިނަތު މުހައްމަދު ސަލީމްގެ އިތުރުން، ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު ހިމެނިވަޑައިގަންނަވައެވެ.

މީގެ އިތުރުން، ފިލްމީ ތަރި އަދި ނޭޝަނަލް ސެންޓާ ފޯ ދި އާޓްސްގެ އެގްޒެކެޓިވް ޑިރެކްޓަރު އަހްމަދު އަޒްމީލް ވެސް ވަނީ އެމްޑީޕީ އަށް ސޮއިކޮށްފައެވެ.

ޖުމްހޫރީ ޕާޓީ ދޫކޮށް މި ހުރިހާ ބޭފުޅުން ވެސް އެމްޑީޕީ އަށް ސޮއިކުރެއްވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ގާސިމް އިބްރާހީމް ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމެވުމާ ގުޅިގެންނެވެ. ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތުމަށް މި ބޭފުޅުން ނިންމެވީ ކުރިއަށް އޮތް އިންތިހާބުގައި ރައީސަށް ތާއީދުކުރެއްވުމަށެވެ.

މި ބޭފުޅުންގެ އިތުރުން އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތް ނަމަވެސް، އެމްޑީޕީ އަށް ސޮއިކުރެއްވިކަން އަދި ނޭނގެއެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ ކަން ހާމަކުރެއްވި ނަމަވެސް، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި ނައިބު ރައީސް ފައިސަލް ނަސީމް އަދިވެސް ތިއްބެވީ ޖުމްހޫރީ ޕާޓީގައެވެ.