އިންތިގާލީ އިންސާފު އޮފީހުގެ އިންވެސްޓިގޭޓަރުގެ މަގާމުގައި ހުރި މުހައްމަދު އިބްރާހީމްގެ ބަންދުގެ މުއްދަތު އިއްޔެ ހަމަވުމުން، އޭނާ ދޫކޮށްލައިފިއެވެ.

މަސްތުގެ ހާލަތުގައި އޮފީހަށް ހާޒިރުވެ، މުވައްޒަފުންނަށް އުނދަގޫކުރާ ކަމުގެ ޝަކުވާ ބޮޑުވެފައި އޮއްވާ، މި މަހުގެ 13 ގައި ފުލުހުން މުހައްމަދު ހައްޔަރުކޮށް، ހަތް ދުވަހަށް ވަނީ ބަންދުކޮށްފައެވެ. އޭނާ ހައްޔަރުކުރީ މާލޭން، މަސްތުވާތަކެއްޗާ އެކު، މަސްތުގެ ހާލަތުގައި ހުއްޓައެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން، މުހައްމަދު ބަންދުކޮށްފައި ވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ. ކޯޓު އަމުރުގައިވާ އިތުރަށް ބުނީ:

  • މުހައްމަދަކީ ކުށުގެ ރެކޯޑެއް އޮންނަ ފަރާތެއް ކަމަށް
  • އޭނާގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެތީގެ ބާވަތްތައް ކަމަށްވާ އޯޕީ އާއި ބެންޒޯ އަށް ޕޮޒިޓިވް ކަމަށް

މީޑިއާ އަށް މިއަދު ދިން މައުލޫމާތުގައި ފުލުހުން ބުނީ، މުހައްމަދު ބަންދުން ދޫކޮށްލި ނަމަވެސް، އެ މައްސަލަ ތަހްގީގުކުރަމުންދާ ކަމަށާއި، ތަހްގީގު ފުރިހަމަކުރުމަށް ފަހު ދައުވާކުރުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށެވެ.

މަސްތުގެ ހާލަތުގައި އޮފީހަށް ހާޒިރުވުމުގެ އިތުރުން، ފުރައްސާރަ އާއި އުނދަގޫތައް ކުރިމަރިވާ ކަމަށް، އިންތިގާލީ އިންސާފު އޮފީހުގެ މުވައްޒަފުން މީޑިއާގައި ބުނެފައިވާތީ، އެފަދަ ކަމެއް ހިނގާފައިވޭތޯ ބެލުމަށް ރަސްމީކޮށް އެ އޮފީހުގައި އެދިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މުވައްޒަފުންނަށް މުހައްމަދުގެ ފަރާތުން ފުރައްސާރަ އާއި އުނދަގޫތައް ކުރިމަތިވާ ކަމަށް ބުނެ، އެކި ފަހަރު މަތިން ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފަށާއި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެ މައްސަލަ މުވައްޒަފުން ގެނައި ނަމަވެސް، އަބްދުއްސަލާމް ވިދާޅުވާ ގޮތުގައި އެފަދަ ޝަކުވާ އެއް އޭނާއަކަށް ނުލިބެއެވެ.

ބައެއް މަސްދަރުތަކުގައިވާ ގޮތުން، މުހައްމަދު މުވައްޒަފުންގެ ގަޔަށް އަތްލާން މަސައްކަތް ކޮށް، ހަޑި ހުތުރު ބަހުން މެސެޖު ކުރުމާއި އޮފީސް މީޓީންތަކުގައި ވެސް އަޑު ގަދަކޮށް ބިރު ދައްކާ މޭރުމުން ވާހަކަ ދައްކާފައިވާ ކަމަށް، މުވައްޒަފުން ބުނެފައިވެއެވެ.

އޭނާ އާ މެދު މިހާތަަނަށް އެ އޮފީހުން ފިޔަވަޅެއް އަލާފައި ނުވަނީ އޭނާ އާއި އަބްދުއްސަލާމާ ދެމެދު އޮންނަ ގާތް ގުޅުމެއްގެ ސަބަބުން ކަމަށް އެތަނުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ތުހުމަތުކޮށްފައިވެއެވެ.