ސަރުކާރުން ހަދާނީ ބޭނުން އެއްޗެއް ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިފަދައިން ވިދާޅުވީ މިއަދު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ސައީދު ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ މަޖިލިސް މެންބަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާ ބައްދަލު ކުރެއްވުމަށް ރައީސް އޮފީހަށް ވަޑައިގެން ތިއްބާ އަލީ ޒާހިރު ނުކުމެވަޑައިގެން ވަޑައިގަންނަވަމުން "ބޭނުން އެއްޗެކޭ ހަދާނީ" އެބޭފުޅުންނާ ދިމާލަށް ވިދާޅުވި ކަމަށެވެ.
އިތުރަށް ސައީދު މިއަދު ވިދާޅުވީ، މަޖިލީހުގައި މަރުތަޅު އަޅުވައިގެން އުޅެނީ ސީދާ ރައީސް ސޯލިހްގެ އެންގެވުމަށް ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެންބަރުން ރައީސް ސޯލިހް އަށް ކެމްޕެއިން ކުރުމަށް ފޮނުވުމަށް ކަމަށް ވެސް ސައީދު ވިދާޅުވިއެވެ. އަދި ޕީޕީއެމް އިން ހުށަހަޅާ އެއްވެސް މައްސަލައެއް ނުބެލުމަށް ހިއުމަން ރައިޓްސް ކޮމިޝަން އަށް ފުލުހުން ވެސް އަންގާފައިވާ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
މި ސަރުކާރަށް ކުރެވުނީ ކޮން ކަމެއްތޯ ސުވާލު ކުރައްވަމުން ސައީދު ވިދާޅުވީ ދައުލަތުގެ ދަރަނި 114 ބިލިއަނަށް އަރާފައި ވާކަމަށާއި އަދި ދައުލަތުގެ މާލިއްޔަތު ވެސް ވަނީ ބޭންކްރަޕްޓް ވެފައި ކަމަށް ވިދާޅުވިއެވެ. މިކަން މިހެން އޮތް އިރު ޖަވާބުދާރީ ކުރުވުމަށް އޮތް ތަނަކީ މަޖިލިސް ކަމަށާއި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ޗެއާ ހުންނެވީ ރައީސް ސޯލިހްގެ ކެމްޕެއިން ފައިސާ ބަލަހައްޓަން، ކެމްޕެއިން މެނޭޖަރަކަށް ކަމަށެވެ.
އިތުރަށް އޭނާ ވިދާޅުވަނީ ރައީސް ސޯލިހް ވަނީ ބޮޑު ތަނުން ގާނޫނާ ހިލާފްވެ ވަޑައިގެންފައި ކަމަށާއި ގާނޫނާ ހިލާފު ނުވާކަމަށް ވިދާޅުވާނަމަ ދައުލަތުގެ ބާރުތަކުގައި މި މައްސަލައަށް ވަކާލާތު ކުރުމަށް ފުރުސަތު ދެއްވުމަށް ސައީދު ގޮވާލެއްވިއެވެ.
އޭނާ ވަނީ ސިފައިން ނުކުމެ ގައުމާ ހަވާލުވުން ނޫން ގޮތެއް ދެން ނެތް ކަމަށް ވެސް ވިދާޅުވެފައެވެ.
ސައީދުގެ މިވާހަތަކާ ގުޅިގެން 'ދަ ޕްރެސް' އިން ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުވާގޮތް ވަނީ ނުވެފައެވެ.
ޢަލީ ޒާހިރު މިއަދު ބޭނުން އެއްޗެއް ހެދިދާނެ އެކަމަކު މިއަދަށްފަހު މާދަމައެއް ވާކަން ހަނދާން ކުރާތި.
ޢަލީ ޒާހިރަކީވާ ގޮތެއް ނެތް މީިހެއް.
ނެހެދޭނެ ބޭނުން ގޮތެއް