މިދިޔަ އޭޕްރިލް މަހުގެ ހަތްވަނަ ދުވަހު ނ. މަނަދޫ ނައީމާ މޫސާ މަރާލި މައްސަލައިގައި އަދި މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި އަހުޒަމް އަބްދުއްޝަކޫރުގެ ބަންދަށް ފަސް ދުވަސް ހަމަވުމުން ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ދަ ޕްރެސް" އަށް ވިދާޅުވީ އެ މައްސަލާގައި ހައްޔަރުކުރި 23 އަހަރުގެ މީހާގެ ބަންދަށް ދިން ފަސް ދުވަހުގެ މުއްދަތް ހަމަވެގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށެވެ.

ނައީމާގެ މަރުގެ މައްސަލައިގައި މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނޭ 23 އަހަރުގެ އަހުޒަމުގެ އިތުރުން 20 އަހަރުގެ އަބްދުލްވާހިދު ރިފާސް އަދި 21 އަހަރުގެ ހުސައިން ފަވާޒެވެ. މި ތިން މީހުންނަކީ މަނަދޫ މީހުންނަށްވާއިރު އޭގެ ތެރެއިން ރިފާސްގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ދީފައިވާއިރު ފަވާޒުގެ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން އެ ރޭ ދަތުރުކުރި ކާރު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ނައީމާގެ މަރުގެ ތަހުގީގަށް ބޮޑު ކުރިއެރުންތަކެއް ލިބެމުން ދާކަން ފާހަގަކޮށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައި ވަނީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ތަހުގީގަށް މުހިންމު މުހިންމު ހެކިތަކެއް ހުރިކަމަށް ބެލެވޭ ތަނެއް ފުލުހުން ބަލާ ފާސްކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހަމީދު އިތުރަށް ވިދާޅުވީ ނައީމާ މަރާލުމަށް ބޭނުންކުރިކަމަށް ބެލެވޭ ތޫނު 2 ހަތިޔާރު އަދިި ހަމަލާދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެންތިބި އަންނައުނު ފުލުހުން ހޯދާފައިވާ ކަމަށެވެ. އެތަކެތި ހޯދާފައި ވަނީ ވަޅުގަނޑެއް ކޮނެ އެތަކެތި އަޅާ، އަންދާލުމަށް ފަހު ފަސްއަޅާ ފޮރުވާފައި ވާތަނެއް ކޮނެގެންނެވެ.

މި މައްސަލަ ތަހުގީގު ކުރުމުގައި އިސް ދައުރެއް އަދާކުރައްވަނީ އިންސްޕެކްޓަރު މުހައްމަދު ސާމިހް ކަމަށް ހަމީދު ވަނީ ވިދާޅުވިއެވެ. ނައީމާ މަރާލި މައްސަލަ ތަހްގީގުކުރުމަށްޓަކައި މީގެ މަހެއްހާ ދުވަސް ކުރިން ފުލުހުން ވަނީ މަނަދޫން ގިނަ ބައެއްގެ އިނގިލީގެ ނިޝާނާއި ޑީއެންއޭ ސާމްޕަލް ނެގުމުގެ މަސައްކަތް ކޮށްފައެވެ.

މަނަދޫގެ ގެއެއްގައި އެކަނި ދިރިއުޅެމުން ދިޔަ ނައީމާގެ ހަބަރެއް ނުވެގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓު ކުރީ މިދިޔަ އޭޕްރިލް މަހުގެ ހަތްވަނަ ދުވަހު އިރުއޮއްސި 6:13 ހާއިރެވެ. ނައީމާގެ ގޭގެ ދޮރު ހަލާކު ކޮށްލައި ފުލުހުން ވަދެ ބެލިއިރު ފެނުނީ މަރާލާފައި އޮތް އޭނާގެ ހަށިގަނޑެވެ.