ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނަގަން އެއްވެސް މެންބަރަކު ބޭނުން ނުވާ ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިފަދައިން ވިދާޅުވެފައި ވަނީ އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިހާރު ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ ދެ މައްސަލައިގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅެއްގެ މައްސަލަ އަނބުރާ ނެގުމަށް ނަޝީދު އެދިވަޑައިގަތުމާ ގުޅިގެންނެވެ.
މިއަދު އެމްޑީޕީ ޕީޖީއިން ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ އަނބުރައި ނަގައިގެން ނޫނީ މަޖިލިސް ކުރިއަށް ނުދާނެ ކަމަށް ނަޝީދު ވިދާޅުވުމަކީ ހެއްވާކަމެއް ނަމަވެސް އެއީ ވަރަށް ދެރަވަރުގެ ކަމެއް ކަމަށެވެ. އަދި އެ މައްސަލަ އަނބުރާ ނަގަން ބުނާނީވެސް އިހްލާސްތެރި ކަމެއް ނެތުމުން ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ނެގުމާ ގުޅޭގޮތުން ގޮތެއް ނިންމަން ޖެހޭނީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ކަމަށާއި އެހެންނަމަވެސް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ އެއްވެސް މެންބަރަކު ރައީސް ނަޝީދާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ ނަގަން އަދި އެކަމާ ގުޅޭގޮތުން މަޝްވަރާވެސް ކުރަން ބޭނުން ނުވާ ކަމަށެވެ.
މަޖިލީހުގެ ރައީސާއި ނައިބް ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި ވާއިރު މަޖިލީހުގެ ރައީސަށް ރިޔާސަތު ނުބެލެހެއްޓޭނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ ކުރިއަށްދާ ދުވަހަކު އެ ޖަލްސާގައި ކަމަށާއި މަޖިލީހުގެ ނައިބު ރަައީސަށް ރިޔާސަތު ނުބެލެހެއްޓެނީ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށްދާ ދުވަހަކު ކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ އެހެންކަމުން ރިޔާސަތު ބެލެހެއްޓުމަށް ގަވާއިދު ހުރަސް ނާޅާ ކަމަށެވެ.
އެމްޑީޕީއިން ބުނީ މާޗު 27، 2017 ގައި އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ވޯޓު ނެގިއިރު ރިޔާސަތުގައި އިންނެވީ ނައިބު ރައީސް މޫސާ މަނިކު ކަމަށެވެ. އަދި މޫސާ މަނިކުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެ މަހުގެ 22 ވަނަ ދުވަހު މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް އެމްޑީޕީއިން ވަނީ ބުނެފައެވެ.