ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓްގެ 10 ވަނަ ޓަވަރުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޭޓީއެމްއެއް ހުޅުވައިފިއެވެ.

މިއީ ހުޅުމާލެ ފޭސް2ގައި ބެހެއްޓި ފުރަތަމަ އޭޓީއެމްއެވެ. މި އޭޓީއެމްއިން ކަސްޓަމަރުންނަށް 24 ގަޑިއިރު ހިދުމަތް ލިބޭނެކަމަށް އެމްއައިބީން ބުނެއެވެ.

އެމްއައިބީން ބުނީ، މިވަގުތު އެމްއައިބީން ހުޅުމާލެ ފޭސް2 ގައި އެންމެ އޭޓީއެމްއެއް ހުޅުވި ނަމަވެސް މުސްތަގްބަލުގައި އޭޓީއެމް ގިނަކޮށް ކަސްޓަމަރުންނަށް ދެވޭ ހިދުމަތް ފުޅާކުރާނެ ކަމަށެވެ.

މި އޭޓީއެމްއާއެކު އެމްއައިބީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުޅުވާފައިވާ އޭޓީއެމްގެ އަދަދު ވަނީ 24 އަށް އަރާފައެވެ.

ހުޅުމާލޭ ހިޔާ ފްލެޓް ސަރަހައްދުގައި އޭޓީއެމްއެއް ނެތުމުން އެކަމުގެ ކަންބޮޑުވުން ހިޔާ ފްލެޓްގައި ދިރިއުޅޭ މީހުންގެ ފަރާތުން ވަނީ އެތައް ފަހަރަކު އައިސްފައެވެ.

އެޝަކުވާތަކާއެކު ހުޅުމާލޭ ފޭސް 2 ގައި ބީއެމްއެލްގެ ދެ އޭޓީއެމްއެއް ހުޅުވަން ވަނީ ނިންމާފައެވެ. އެކަމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށާއި އޭޓީއެމް ބަހައްޓައި އިތުރު ބްރާންޗެއް ހަދަން އެކަމަށް އެންމެ ރަނގަޅު އިމާރާތެއް ބަލަމުން އަންނަ ކަމަށް ބީއެމްއެލްއިން ބުނެއެވެ.