ހުޅުމާލެ ސްމާޓް ސިޓީއަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ލޯރާވޭން ވަޔަލެސް އައިއޯޓީ ސެންސާ ނެޓްވޯކެއް ހުޅުމާލޭގައި ގާއިމް ކޮށްފިއެވެ.

ސްމާޓްކޮމްއިން ބުނީ އަލިފާނުގެ ހާދިސާތައް ކޮންޓްރޯލް ކުރުމަށް ކަމާބެހޭ އިދާރާއަށް ދިމާވާނެ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެކަށީގެންވާ އަވަސްމިނެއްގައި އިތުބާރު ހިފޭގޮތަކަށް އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ނުލިބުން ކަމަށެވެ. ނަމަވެސް މި ނެޓްވޯކާއެކު އަލިފާނުގެ ހާދިސާތައް ދެނެގަތުމުގައި ކަމާބެހޭ ފަރާތްތަކަށް އިތުރު ފަސޭހަކަމާއި އަވަސްކަމެއް ލިބިގެންދާނެ ނިޒާމް ގާއިމް ކުރެވިގެންދާނެ ކަމުގައެވެ.

މިފަދަ ނެޓްވޯކެއް ގާއިމުކުރުމުގެ ސަބަބުން އީޖާދީ ވިސްނުންތަކާއި އިތުރު ސްމާޓް ޓެކްނޮލޮޖީތަކަށް މަގުފަހިވެގެންދާނެކަން ފާހަގަކޮށް ސްމާޓްކޮމްއިން ބުނީ ކޮލެޖެއް ނުވަތަ ޔުނިވާސިޓީގެ ދިރާސާތަކަށް ވެސް މިނެޓްވޯކް ބޭނުން ކުރެވިދާނެ ކަމަށެވެ. އަދި ހުޅުމާލެ ސިޓީއަކަށް ދިމާވާ އެންމެ ބޮޑެތި ގޮންޖެހުންތައް ހައްލުކުރުމަށް އެކި ދާއިރާތަކުން ސްމާޓް ސޮލިއުޝަންތައް ތައާރަފްކުރުމަށް ވެސް މިފަދަ ނެޓްވޯކެއް ބޭނުން ކުރެވިދާނެ ކަމަށެވެ.

ސްމާޓް ސޮލިއުޝަންސްއަށް މި ނެޓްވޯކް ބޭނުންކުރެވިދާނެ ގޮތްތައް:

  • ގަސްހެއްދުމާއި ގަސްތަކަށް ފެންޖެހުމަށް ކުރާ މަސައްކަތްތައް ސްމާޓް އިރިގޭޝަންގެ އެހީގައި ލުއި ކުރެވުން
  • މަގުމަތީގެ ތޮއްޖެހުމާއި ޓްރެފިކް މައްސަލަތައް ދެނެގަތުމަށް ސްމާޓް ޓްރެފިކް މޮނިޓަރިން ބޭނުން ކުރުން
  • އެއްގަމު އުޅަނދުފަހަރު ޓްރެކްކޮށް ބެލެހެއްޓުން
  • ވެއާހައުސް މެނޭޖުކުރުމަށް ސްމާޓް އެސެޓް މޮނިޓަރިން ބޭނުން ކުރުން
  • ކޮންސްޓްރަކްޝަން މަސައްކަތްކުރާ މަސައްކަތްތެރިންގެ ރައްކާތެރިކަން ދެނެގަތުމަށް ސްމާޓް ސޭފްޓީ ބޭނުން ކުރުން
  • ރައްކާތެރިކަމުގެ ހެލްމެޓް ނުވަތަ ވަސީލަތްތައް ބޭނުން ނުކުރާ މަސައްކަތްތެރިން ދެނެގަނެ ޒިންމާދާރު ކުރުވުން
  • ރަށުތެރޭގެ ކުނިބުނި މެނޭޖުކުރުމާއި އަޑުގަދަވުމާއި މިބާވަތުގެ މައްސަލަތައް ހައްލުކުރުމަށް

ހުޅުމާލޭގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ އާންމު ސަރަހައްދުތަކަށް ކުނިއެޅުމުގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން މިނެޓްވޯކްގެ ދަށުން ސްމާޓްކޮމްއިން ވަނީ ޑަސްބިންތައް "ސްމާޓް" ކުރަން ފަށާފައެވެ. އެގޮތުން ގޮތުން ކަމާގުޅޭ މުވައްޒަފުންނަށް މި ޑަސްބިންތައް ބޭނުންކުރާގޮތުގެ ތަފާސްހިސާބު ބަލާލުމުގެ އިތުރުން އެންމެގިނައިން ކުނި އަޅައިގެން ފުރޭ ބިންތަކާއި ފުރޭ ދުވަސްތަކާއި ފުރޭ ވަގުތުތައް ފަސޭހަކަމާއެކު ދެނެގަނެވޭނެއެވެ.

ސްމާޓްކޮމްއިން ގާއިމުކޮށްފައި ލޯރާވޭން އައިއޯޓީ ސެންސާ ނެޓްވޯކްއަކީ މިއަދު ކުރިއަރާފައިވާ ގައުމުތަކުގައި ގާއިމުކުރަމުން ދާ އެންމެ ފުރިހަމަ އައިއޯޓީ ނެޓްވާކްގެ ބާވަތެކެވެ. މިނެޓްވޯކުގެ ހާއްސަކަމަކީ، ކަވަރޭޖު ބޮޑުވެފައި، ޑޭޓާ ބޭނުންކުރާ ވަރު މަދުވުމުގެ އިތުރުން ޑިވައިސްތަކުގެ ބެޓެރީގެ އުމުރު ދިގުވުމެވެ. އާންމުގޮތެއްގައި މިފަދަ ސެންސައެއްގެ ބެޓެރީގެ އުމުރަކީ 5 އަހަރާއި 7 އަހަރާއި ދެމެދެވެ.

ސްމާޓްކޮމްއިން އިތުރަށް ބުނީ އުއްމީދަކީ ރައްޔިތުންނަށް ފަސޭހަވާފަދަ ސްމާޓް ހިދުމަތްތައް ތައާރަފުކުރުން ކަމަށެވެ. އަދި ރައްޔިތުންނާއި އެންމެ ގުޅުންހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ސްމާޓްކޮމްގެ އިންފްރާސްޓަރަކްޗާ ހުޅުވާލައި، ސްމާޓް ސޮލިއުޝަންތަކެއް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމުގައި އެންމެންގެ ބައިވެރިވުމާއެކު އެކަން ކުރެވިގެންދާނެ ކަމަށެވެ.

ހުޅުމާލޭގެ ރައްޔިޔުންގެ ދިރިއުޅުން ހިތްފަސޭހަކުރުމަށް އިންގިލާބީ ބަދަލެއް ގެނައުމަށް އާބަންކޯއިން ކުރާ ބިޔަ ދަތުރުގައި މުހިއްމު ދައުރެއް އަދާކުރާ އެއް ބްރޭންޑަކީ ސްމާޓްކޮމްއެވެ.