ސަރުކާރުން އަންގައިގެން ރައްޔިތުންނަށް އަނިޔާ ކުރާކަމަށް ބުނެ އެކަން ހަރުކަށި އިބާރާތުން އިދިކޮޅުން ކުށްވެރިކޮށް އެކަންކަން ބަލާ ފިޔަވަޅު އެޅުމަށް ގޮވާލާފިއެވެ.
އިދިކޮޅުން ބުނީ، ސުލްހަވެރިކަމާއެކު ދިވެހި ރައްޔިތުން [ޕީޕީއެމްއާއި ޕީއެންސީގެ ސަޕޯޓަރުން] ރޭ ކުރިއަށް ގެންދިޔަ އިހުތިޖާޖު ހަލަބޮލިކުރުމަށް ސަރުކާރުން ގޭންގް ތަކެއް ފޮނުވި ކަމަށާއި އިހުތިޖާޖުގެ ބައިވެރިންގެ ތެރެއަށް ފުޅި އުކާ، ސަރުކާރުގެ އެންގުމަށް ހާލަތާ ނުބައްދަލު ބާރު ފުލުހުން ބޭނުންކޮށް، އިހުތިޖާޖުގެ ބައިވެރިންގެ މޫނަށާއި އަނގައަށް އަމާޒުކޮށް ޕެޕާ ސްޕްރޭ ޖެހި ކަމަށް އިދިކޮޅުން ބުނެއެވެ.
ރޭގެ އިހުތިޖާޖުގެ ތެރޭގައި ޕިޕީއެމްގެ ސެނެޓަރު އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފްގެ މޫނަށާއި އަނގައަށް އަމާޒުކޮށް ޕެޕާ ސްޕްރޭ ޖެހުމުން، ނެވާއަށް އުނދަގޫވެ ހާސްވުމުގެ ސަބަބުން އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދީފައިވާ ކަމަށް ވެސް އިދިކޮޅުންް ބުނެއެވެ. އަދި ޕީޕީއެމްގެ ސެނެޓަރު ކޯލިޝަންގެ ހަރަކާތު ކޮމިޓިގެ ޗެއާ މުހައްމަދު އިސްމާއީލްގެ ލޮލަށް އަމާޒުކޮށް ޕެޕާ ސްޕްރޭ ޖުހުމުން ލޮލަށް ނުފެންނަ ވަރަށް ލޯ ދުޅަވެފައިވާ ކަމަށް އިދިކޮޅުން ބުނެއެވެ.
އިދިކޮޅުން އިތުރަށް ބުނީ، މީޑިއާ ފާސް އަޅައިގެން ތިބި ނޫސްވެރިންނަށް އަމާޒުކޮށް ޕެޕާ ސްޕްރޭ ޖަހާ ނޫސްވެރިން ގެންގުޅުނު އަގުބޮޑު ސާމާނަށް ވެސް ފުލުހުން ގަސްތުގައި ގެއްލުން ދިނުމާއި ސުލްހަވެރިކަމާއެކު ތިބި ބައިވެރިންގެ މޫނަށާއި އަނގަޔަށް އަމާޒުކޮށް ޕެޕާ ސްޕްރޭ ޖަހާ އަނިޔާ ދީފައި ވެސް ވާ ކަމަށެވެ.
ހާއްސަ އެހީއަށް ބޭނުންވާ ފަރާތަކަށާއި އަންހެނުންނަށާއި އިސް ރަށްވެހިންނަށް، އެއްވެސް ބެލުމެއް ނެތި އަނިޔާވެރިވުމަކީ މިހާރަކަށް އައިސް ފުލުހުންގެ ކިބައިން ފެންނަމުންދާ ވަރަށް ވެސް ދަށު ދަރަޖައިގެ އަމަލުތަކެއް ކަމަށް ވެސް އިދިކޮޅުން ބުނެއެވެ.
ދިވެހި ރައްޔިތުންނަށް އަނިޔާވެރިވުން ހައްދުފަހަނައަޅާ ގޮސްފައި މިވަނީ މިފަދަ ލާއިންސާނީ އަމަލުތައް ހުއްޓުވުމުގެ ގާނޫނީ ޒިންމާ ހަވާލު ކުރެވިފައިވާ މުއައްސަސާތަކުން އެ ފަރާތްތަކާއި ގާނޫނުއަސާސީއާއި ގާނޫނުތަކުން ހަވާލު ކުރެވިފައިވާ ޒިންމާ އަދާ ކުރުމަށް ފަސްޖެހޭތީ ކަމަށް އިދިކޮޅުން ބުނެއެވެ.
އިދިކޮޅުން ބުނީ، އެކަންކަން ހުއްޓުވުމުގެ ގާނޫނީ ޒިންމާ ހަވާލުވެފައިވާ މުއައްސަސާތަކުން މިކަންކަމަށް ދޭންވާ ސަމާލުކަން ދިނުމަށާއި އަދި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަސް ނުޖެހުމަށް ނަސޭހަތްތެރިވެ، މިމައްސަލަތައް ބަލާ ފިޔަވަޅު އެޅުމަށް އިދިކޮޅުން ގޮވާލާާ ކަމަށެވެ.
ރޭ އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ސަޕޯޓަރުން ޕީޕީއެމް އޮފީސް ދޮރުމައްޗަށް އެއްޗެ ބައިބޯ ކުރުމަށް ކަރިީގައި ހުންނަ 'ދަ ޑޮމޮކްރެޓްސް' ގެ ޖަހަލަ ކައިރިއަށް އެއްވެ، ޑިމޮކްރެޓްސްގެ ސަޕޯޓަރުންނާ ބައިވެރިވެފައި ވާ އިރު، އެއްވި މީހުން ދިޔައީ ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާގެ އިސްތިއުފާ އަށް ގޮވުމުގެ އިތުރުން މިހާރު އިދިކޮޅުން އުފަން ކޮށްފައި ވާ ސްލޯގަން 'ޗޯރު' ކިޔަމުން އަޑުގަދަ ކޮށްފައެވެ. އެ އިހުތިޖާޖުގައި ގިނަ ބަޔަކު މަގުމަތީގައި ތިބި އިރު، ޓްރެފިކް ބޮކޮލްވެ ދުއްވާ އެއްޗެއްސަށް އުނދަގޫވެގެން ދިޔަކަން ފާހަގަ ކުރެވެއެވެ.
ފުލުހުން އެތަނަށް ގޮސް އެއްވެ ތިބި ބައިވެރިން ދުރައް ޖެއްސުމެ ތެރޭގައި ކުރިމަތިލުން ހިނގާ، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އުފުލަލައިގެން އާންމުން އޭނާ ގެންދާ މަންޒަރުވެސް ފެނިފައި ވެއެވެ.
ރޭގެ މި ކުރިމަތިލުމާ ގުޅޭ ގޮތުން ފުލުހުން އަދި އެއްޗެއް ބުނެފައި ނުވާކަން ފާހަގަ ކުރެވެއެވެ.