ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމަށް ކޮންމެހެން ބޭނުންވާ އިސްލާހުތައް ގެނެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ވާދަވެރިކަން އިތުރުކުރުމަށް ދިވެހި ސަރުކާރާއި ވޯލްޑް ބޭންކާ ދެމެދު 5.6 މިލިއަން އެސްޑީއާރުގެ ދެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
އެސްޑީއާރު އަކީ ބައިނަލްއަގްވާމީ ރިޒާވް އެސެޓެކެވެ. އެސްޑީއާރު އަކީ ފައިސާއެއް ނޫން ނަމަވެސް އޭގެ އަގު ބިނާވެފައިވަނީ އެމެރިކާ ޑޮލަރާއި ޔޫރޯއާއި ޗައިނާގެ ރެންމިންބީއާއި ޖަޕާނު ޔެން އަދި އިނގިރޭސި ޕައުންޑް ސްޓަލިންއެވެ.
އެގޮތުން މަސްވެރިކަމުގެ ސިނާޔަތަށް ދޭން އެއްބަސްވި 39.4 މިލިއަން އެސްޑީއާރުގެ ތެރެއިން 19.7 މިލިއަން އެސްޑީއާރަކީ ހިލޭ އެހީއަށް ވާއިރު އަނެއް 19.7 އެސްޑީއާރަކީ ލޯނު އެހީގެ ދަށުން ދޭން ނިންމާފައިވާ އަދަދެެވެ. އަދި އެހެނިހެން ދާއިރާތަކަށް ދޭން ނިންމި 11.2 މިލިއަން އެސްޑީއާރު އިން ދެބައި ކުޅަ އެއްބަޔަށްވާ 5.6 މިލިއަންއަކީ ހިލޭއެހީއެވެ.
ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އަދި ވޯލްޑް ބޭންކުން ރާއްޖެ، ނޭޕާލް އަދި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒެރްވޯސްއެވެ.
ފިނޭންސް މިނިސްޓްރީ އިން ބުނީ އެ އެއްބަސްވުމުގެ ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމާއި ހޮވާލެވޭ އީޖާދީ އަދި ގާބިލު ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރުމުގެ މަގު ކޮށައިދީ، އާ މާކެޓްތަކުގައި ވާދަކުރުމަށް އާ އަދި މޫސުމާ ރައްޓެހި އުފެއްދުންތައް އުފެއްދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވޯލްޑް ބޭންކުން ދިވެހިރާއްޖެއާއި ސްރީ ލަންކާ އަދި ނޭޕާލްއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ރީތިކަމާއި ގުދުރަތީ މުއްސަނދިކަމުގެ ބޭނުން ހިފައި ހާއްސަކޮށް ފަތުރުވެރިކަމުގެ ޒަރިއްޔާއިން ރާއްޖެއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.
މުސްތަގުބަލުގައި ރާއްޖޭގެ އަމާޒަކީ މިހާރަށް ވުރެ ބޮޑަށް އިގްތިސާދު ސިންދަފާތުކޮށް، ދާއިރާތަކުގެ ތެރޭގައި ބަދަލުތައް ގެނެސް، މޫސުމަށް އަންނަ ބަދަލުތަކުގެ ގޮންޖެހުންތަކާއި މާލީ ލޮޅުންތަކަށް ތައްޔާރުވެފައިވާ އިގްތިސާދެއް ބިނާކޮށްގެން މި ކުރިއެރުން އެހެން ހަރުފަތަކަށް ގެންދިއުން ކަމަށާއި މި ޕްރޮޖެކްޓްތަކުގެ ސަބަބުން އެ އަމާޒަށް ވާސިލުވުމަށް މަގުފަހިވެގެން ދާނެ ކަމަށް ފާރިސް ވިދާލުވިއެވެ.