ބ. ދޮންފަނުގައި އާންމުން ދިރިއުޅޭ ގެތަކާ ދުރުގައި އަލަށް އިމާރަތް ކުރި އިންޖީނުގެ ނިންމައި ހިދުމަތް ދޭން ފަށައިފިއެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ، ބ. ދޮންފަނުގައި ހިންގާ ޕަވާހައުސް ބަދަލުކުރުމުގެ މަޝްރޫއަކީ މީހުން ދިރިއުޅޭ ސަރަހައްދުގެ މެދުގައި ހުންނަ ކުރީގެ ޕަވާހައުސް އިން ރަށްވެހިން އުފުލަމުންދާ އެތައް ބުރައަކަށް އެކަށީގެންވާ ހައްލެއް ހޯދައި ދިނުމަށް ފެށީ މަޝްރޫއެއް ކަމަށެވެ.
އެގޮތުން މި މަޝްރޫއުގެ ދަށުން އަލަށް އިމާރާތް ކުރި އިންޖީނުގެއާއި އޮފީސް އިމާރާތުގެ މަސައްކަތް ވަނީ ނިންމައި އެތަނުން ހިދުމަތް ދޭން މިއަދު ފަށާފައިވާ ކަމަށް ފެނަކައިން ބުނެއެވެ. އަދި މިކަމުގެ ސަބަބުން ރަށުގެ ކަރަންޓުގެ ޑިމާންޑް އިތުރުވަމުން ދާ މި ދަނޑިވަޅުގައި އެކަމަށް ވެސް ހައްލު ލިބިގެން ދާނެ ކަމަށް ފެނަކައިން ބުނެއެވެ.
ރަށްރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ދުވަސްވީ އިންޖީނުގެތައް ޒަމާނީ ވަސީލަތްތަކާއެކު އެކަހެރި ސަރަހައްދުތަކަށް ބަދަލުކޮށް ތަރައްގީ ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ގިނަ ރަށްރަށުގެ އިންޖީނުގެ ވަނީ ބަދަލުކޮށްފައެވެ. ހަމައެއާއެކު ފެނަކައިން އަލަށް އިމްރާތްކުރާ އިންޖީނުގެތައް ފަރުމާ ކޮށްފައި ވަނީ ރަށުގެ އާބާދީ އިތުރުވެ، އަދި ކަރަންޓު ވަސީލަތްތައް ބޭނުން ކުރާ ވަރު އިތުރުވާ މިންވަރަށް ބަލައި އެ މިންވަރަށް ކަރަންޓު ފޯރުކޮށް ދެވޭނެ ކެޕޭސިޓީއަށް ވެސް ބަލައިގެންނެވެ.