އަލަށް ވިޔަފާރިއެއް ފެށުމަށް ނުވަތަ ހިންގަމުންދާ ވިޔަފާރިއެއް ކުރިއެރުވުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ބޭންކް އޮފް މޯލްޑިވްސް އިން ދޭ ހިލޭ އެހީ އަށް އެދިހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 2 ވަނަ ދުވަހު ހަމަވާނެ ކަމަށް ބީއެމްއެލް އިން ބުނެފިއެވެ.

އެ ބޭންކުން ބުނީ ސުންގަޑި ހަވާނީ އެ ދުވަހުގެ ރޭގެ 12:00 އާ ހަމައަށް ކަމަށެވެ. އެ ގްރާންޓްގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކޮންމެ ވެސް ދެ ވިޔަފާރިއެއް ހޮވައި، ކޮންމެ ވިޔަފާރިއަކަށް 500،000 ރުފިޔާ އާއި އެ ވިޔަފާރި ފަށައިގަތުމަށް ބޭނުންވާނެ ފައިނޭންޝަލް އެޑްވައިސް ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މި ގްރާންޓްގައި އާންމު ފަރުދުންނާއި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުގެ ތެރެއިން އެއް އަހަރު ވެފައި ނުވާ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ހިލޭ އެހީ ލިބޭ ފަރާތް ހޮވުމަށް ހަމަޖެހިފައި ވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކުރިއަށްގެންދާ އިވެލުއޭޝަންތަކަށް ފަހުގައި ކަމަށް އެ ބޭންކުން ބުނެއެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި ބިޒްނަސް ޕްލޭންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ ފާހަގަކޮށްލެވޭ 10 ފަރާތް ހޮވައި ޝޯޓް ލިސްޓް ކުރަން ވަނީ ހަމަޖެހިފައެވެ. އަދި ދެވަނަ މަރުހަލާގައި ޝޯޓްލިސްޓްވި ފަރާތްތަކުން އެ ފަރާތްތަކުގެ ވިޔަފާރިއާ ގުޅޭ ޕްރެޒެންޓޭޝަނެއް ހުށަހަޅަން ޖެހޭނެއެވެ.

ބީއެމްއެލް އިން ސްޓާޓްއަޕް ގްރާންޓް ތައާރަފް ކޮށްފައި ވަނީ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުނު މުޖުތަމައުއަށް ފައިދާ ހުރި 12 ހަރަކާތުގެ ތެރެއިންނެވެ. ބީއެމްއެލް އިން ވަނީ މިދިޔަ އަހަރު 4 ވިޔަފާރިއަކަށް މި އެހީ ފޯރުކޮށް ދީފައެވެ. އޭގެ ތެރެއިން ހިލޭ އެހީ ލިބުނު ނިރިސް އެމްބްރޮއިޑަރީގެ އައުޓްލެޓެއް ދާދިފަހުން ވަނީ ހުޅުވާފައެވެ.