ކ. ފަރި އައިލެންޑް ރިސޯޓަށް ޒިޔާރަތް ކުރި ފަތުރުވެރިއަކު ރޭޕް ކުރި މައްސަަލައެއް ފެންމަތި ވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ކ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި ފަތުރުވެރިއަކު ރޭޕްކޮށްފައިވާ މައްސަލަައެއް މި މަހުގެ 6 ވަނަ ދުވަހު ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް ނަގައި ސުވާލު ކުރަން ޖެހޭ ފަރާތްތަކާ ސުވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ. އަދި މިހާ ތަނަށް މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާގައި ރޭޕް ކޮށްފައި ވަނީ ރާއްޖެއަށް ޒިޔާރަތްކުރި ޗައިނާ ފަތުރުވެރިއަކަށެވެ. އަދި ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ރޭޕް ކުރި ކަމުގެ ތުހުމަތު ކޮށްފައި ވަނީ އެ ރިސޯޓުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފަކަށެވެ.

މި ހާދިސާ ހިނގިތާ މިއަދަށް 12 ދުވަސް ވެފައިވާ އިރު، މި ހާދިސާ ހިންގި ދުވަހު ކ. ތުލުސްދޫގައި ހުންނަ މާލެ އަތޮޅު ސިއްހީ މަރުކަޒަށް އެ ޓޫރިސްޓް މީހާ ވަނީ ގެންގޮސް ފަރުވާ ވެސް ދީފައެވެ.

މި ހާދިސާ އާ ގުޅިގެން އެ މުވައްޒަފާ މެދު ރިސޯޓުން އަޅާފައިވާ އެއްވެސް ފިޔަވަޅެއް އަދި ސާފުވާ ގޮތެއް ނުވެއެވެ.