ޝަރުއީ ދާއިރާ މުވައްޒަފުންނަށް ވެސް ސިޔާސީ ޕާޓީތަކާއި ސިޔާސީ ހަރަކާތްތައް ހިންގާ ޖަމިއްޔާ ޖަމާއަތްތަކުގެ މެންބަރުކަން ކުރެވޭނެ ގޮތަށް އެ ދާއިރާގެ މުވައްޒަފުންގެ 'ކޯޑް އޮފް ކޮންޑަކްޓް' އަށް ބަދަލު ގެނެސްފިއެވެ.

ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ކޯޑް އޮފް ކޮންޑަކްޓާ އެކު، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ ބައެއް ބާބުތަކާއި މާއްދާތައް ބާތިލްކޮށް އާންމު ކުރި ގަވާއިދުގައިވާ ގޮތުގައި، ސިޔާސީ ހަރާކާތްތަކުގައި ބައިވެރިވުމާ ގުޅޭ އުސޫލުތައް ހިމަނާފައި ވަނީ، 'ޝަރުއީ ދާއިރާގެ މިނިވަންކަން ހިފެހެއްޓުމާއި އިތުބާރު ދެމެހެއްޓުން' މާއްދާގެ ތެރޭގައެވެ.

މި މާއްދާގައި ބުނެފައި ވަނީ، އެއްވެސް މުވައްޒަފެއްގެ ނަޒާހާތްތެރި ކަމާ މެދު ސުވާލު އުފެދިދާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަަށާއި ޝަރުއީ ދާއިރާގެ މިނިވަންކަމާއި އެ ދާއިރާއަށް ރައްޔިތުން ކުރާ އިތުބާރަށް އުނިކަން އަންނާނެ ކަންކަން ކުރުމުން ދުރުހެލިވާން ވާނެ ކަމަށެވެ.

އޭގެތެރޭގައި ސިޔާސީ ހަރަކާތް މާނަކޮށްފައި ވަނީ ސިޔާސީ ވަކި ޕާޓީއެއް ނުވަތަ ސިޔާސީ މަގާމަށް ވާދަކުރާ ވަކި ކެންޑިޑޭޓެއްގެ މަގުބޫލުކަން އިތުރު ކުރުމަށް ނުވަތަ މަގުބޫލުކަން ކުޑަކުރުމަށް ހިންގާ ހަރަކާތްތަކާއި އާއްމުންގެ މެދުގައި ސިޔާސީ ގޮތުން ދެބަސްވުން އުފެދިފައިވާ ނުވަތަ އުފެދިދާނެ ކަންކަމާ ގުޅޭ ބަހުސްތަކާއި ކެމްޕެއިން ތަކެވެ. މިގޮތަށް މި މާއްދާ އޮތް ނަމަވެސް، ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ބައިވެރިވެވިދާނެ ކަންތައްތަކެއް ބަޔާންކޮށް، އެ މާއްދާގައި ވަނީ ސިޔާސީ ޕާޓީއެއް ނުވަތަ ސިޔާސީ ހަރަކާތެއް ހިންގާ ޖަމިއްޔާއެއް ނުވަތަ ޖަމާއަތެއްގެ މެންބަރަކަށް ވެވިދާނެ ކަމަށެވެ.

ހަމައެއާއެކު ސިޔާސީ ޕާޓީއެއްގެ ނުވަތަ ސިޔާސީ ހަރަކާތެއްގެ އެތެރޭގެ އިންތިހާބެއްގައި ވޯޓުލުމާއި، އަމިއްލައަށް ވޯޓުލާ މަރުކަޒަށް ހާޒިރުނުވެވޭ ތިމާގެ މީހަކު ވޯޓުލާ މަރުކަޒަށް ހާޒިރުވުމުގައި އެހީތެރިވެދީ އުޅުމާއި، އާއްމުންގެ މެދުގައި ބައިބައިވުން އުފެދިފައި ނުވާ ނުވަތަ އުފެދިދާނޭ ކަމަށް ނުބެލެވޭ އަދި އެކަމެއްގައި އުޅުމުގެ ސަބަބުން ޝަރުއީ ދާއިރާގެ މިނިވަންކަމަށް ނުވަތަ އެ ދާއިރާއަށް ކުރާ އިތުބާރަށް ނޭދެވޭ އަސަރު ނުކުރާނޭ ނުވަތަ ނަޒާހާތްތެރި ކަމާ މެދު ސުވާލު ނުއުފެދޭނެ ފަދަ އިޖްތިމާއީ ހަރަކާތްތަކުގައި ބައިވެރިވެވޭނެއެވެ.