ދުނިޔޭގައި އައިފޯން ހަދާ އަދި އެސެމްބަލް ކުރާ އެންމެ ބޮޑު ފެކްޓަރީ ހިންގާ ކުންފުނި، ފޮކްސްކޮން އިން ކާރު އުފައްދަން ނިންމާ އެކަން އިއުލާން ކޮށްފިއެވެ.

ޓައިވަނަށް ނިސްބަތްވާ ފޮކްސްކޮން ގެ ހެޑް އޮފީސް ޓައިވާނުގައި ހުއްޓަސް ފޯން އެސެމްބަލް ކުރާ އެންމެ ބޮޑު ފެކްޓަރީ ހުންނަނީ ޗައިނާގައެވެ. ޓައިވާނަކީ ޗައިނާގެ މިހާރުގެ ވެރިކަމުގެ ބާރުގެ ދަށުން ވަކިވެގެން އަމިއްލް ވެރިކަމެއް ކުރާ ގައުމެއް ނަމަވެސް ޗައިނާއިން ގަބޫލު ކުރަނީ އެއީ މިނިވަން ގައުުމެއް ނޫން ކަމަށާއި ޗައިނާގެ މުގައްދަސް ރަށެއް ކަމަށެވެ. އެހެން ކަމުން އެހެން މިނިވަންވެގެން އޮތިޔަ ނުދޭން ޗައިނާ އިން މަސައްކަތް ކުރާ އިރު ހުޅަނގާއި ހާއްސަކޮށް އެމެރިކާގެ ބާރާ ހެދި ޗައިނާ އަށް ޓައިވާނަށް އެރޭ ގޮތެއް ނުވެއެވެ.

މި އަރާރުމެއްގައި ޓައިވާނަށް ނިސްބަތްވާ ވިޔަފާރިތަކާއި ކުންފުނިތަކާއި ވަކިވަކި ފަރުދުންނަށް ޗައިނާ ސަރުކާރުން ފިއްތުންތައް ކުރިމަތި ކޮށްފާނެ ހާލަތެއް އަތުވެދާނެ ކަމަށްޓަކައި ފޮކްސްކޮންއިން އެޅި މި ފިޔަވަޅުގެ ސަބަބުން، އެ ކުންފުނީގެ މައިގަނޑު ވިޔަފާރި ކަފިވެ، ފޯނާއި ފޯނުގެ ބައިތައް އުފެއްދުމަށް ޗައިނާގައި ގާއިމު ކޮށްފައި ވާ ފެކްޓަރީތަކުގެ ސައިޒް ކުޑަވެގެން ދާނެ ކަމަށް މުރާސިލުން ބުނެއެވެ.

ފޮކްސްކޮންއިން ކާރު އުފައްދާ ކަން އިއުލާން ކުރަމުން އެކުންފުނީގެ ސީއީއޯ ޔަންގް ލިއޫ ބީބީސީއަށް ބުނީ، އާ ވިޔަފާރިއަށް އިންވެސްޓް ކުރަން ނިންމީ، ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ތާށިވާން ބޭނުން ނުވާތީ ކަމަށާއި ކާރު އުފެއްދުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން ގެންދާ ކަމަށެވެ. އަދި ފޯން އުފައްދާ ފެކްޓްރީތަކުގެ ބައެއް މަސައްކަތްތައް އިންޑިއާ އަށް ބަދަލުކޮށް އިންޑިއާގައި ވަނީ ފޮކްސްކޮންގެ ފެކްޓަރީއެއް ހުޅުވުމުގެ މަސައްކަތް ފަށާފައެވެ. މީގެ އިތުރުން ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ޗައިނާއިން ބަލާފާނެ ކަމަށްޓަކައި ޑޭޓާ ސެންޓަރުތައް [މައުލޫމާތު ރައްކާ ކޮށްފައި ހުންނަ ސާވާތައް] ވެސް މިހާރު މެކްސިކޯއާއި ވިއެޓްނާމަށް ބަދަލުކޮށްފައި ވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެންމެ ފުރަތަމަ ޓީވީގެ ނޮބް [ކުރިން ހުންނަ ޓީވީތަކުގައި ހުންނަ ގޮބު] ހަދަން ފެށި ފެކްޓަރީ އަކީ މިއަދު އަހަރެއްގެ މައްޗަށް 200 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާ ކުންފުންޏެކެވެ.

އެޕަލް ކުންފުނީގެ އުފެއްދުންތަކުގެ ދެބައިކުޅަ އެއްބައި ހަދަނީ ފޮކްސްކޮންއިން އިންނެވެ. އޭގެ ތެރޭގައި އައިފޯން އާއި މެކްބްކް އާއި، ޗިފްސެޓްތަކާއި އެހެނިގެން އިލެކްޓްރޯނިކްސް ހިމެނެއެވެ. މިހާރު ޓެކްނޮލިޖީގެ ދާއިރާގައި އެންމެ ފުޅާ އެއް ކުންފުނީގެ މި ބަދަލާއެކު އިލެކްޓްރޯނިކް ކާރުގެ އިންޑަސްޓްރީއަށް އިންގިލާބީ ބަދަލެއް ގެންނާނެ ކަމަށް ގިނަބަޔަކު ދެކެއެވެ.

ކޮވިޑްގެ ހާލަތު ގޯސްވެގެން ދިޔަ ދުވަސްވަރު ޗައިނާ ސަރުކާރުން ފޮކްސްކޮންނަށް ކުރިމަތިކުރި ހުރަސްތަކާ ގުޅިގެން އައިފޯން އުފެއްދުމަށް ބުރޫ އަރާ، ސަޕްލައި ޗެއިން ގައި ބޮޑު ލަސްކަމެއް އައެވެ. ކޮވިޑްގެ ކޭސްތަކާ ގުޅިގެން ޗައިނާ ސަރުކާރުން ފެކްޓަރީ އެތައް ދުވަހެއް ވާންދެން ބަންދު ކުރުވުމުން ގިނަބައެއްގެ ވަޒީފާއަށް އަސަރު ކުރިއެވެ.

ޓައިވާނު މައްސަލައިގައި އެމެރިކާ އާއި ޗައިނާގެ އަރާރުމުގެ ތެރޭގައި ފޮކްސްކޮންފަދަ ކުންފުނިތަކަށް އޮތް ބިރާއެކު އެހެން ބައެއް އިންވެސްޓަރުންވެސް ވަނީ ދުނިޔޭގެ އެކި ތަންތާނގައި އިންވެސްޓްކުރަން ފަށާފައެވެ.