އެމެރިކާގައި ގާއިމް ކުރާ ދިވެހި ފުރަތަމަ އެމްބަސީ ހުޅުވުމަށް ވޮޝިންޓަނަށް ވަޑައިގެންނެވުމަކީ ލިބިވަޑައިގެންނެވި އުފަލެއްކަމަށް ފޮރިން މިނިސްޓްރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ވޮޝިޓަންގައި ގާއިމް ކުރާ ދިވެހި އެމްބަސީ ހުޅުވުމަށް ޝާހިދު އެމެރިކާއަށް ވަޑައިގަތުމުން އެ މަނިކުފާނަށް އެއާޕޯޓުން މަރުހަބަ ދެންނެވީ ރާއްޖެއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަބްދުލްއަފޫރު މުހައްމަދުއެވެ.

އެމްބަސީ ހުޅުވުމަށްޓަކައި މިވަގުތު ވޮޝިންޓަނުގައި ހުންނަވާ ކުރެއްވި ޓުވީޓެއްގައި ޝާހިދު ވިދާޅުވީ މި ދަތުރަކީ ދެގައުމުގެ ދެމެދުގައި އޮތް އެކުވެރިކަން އިތުރަށް ބަދަހިކޮށް، ދެގައުމުގެ މަސްލަހަތު ހިމެނޭ މުހިންމު ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ލިބުނު ފުރުސަތެއް ކަަމަށެވެ. އަދި މި ދަތުރަކީ އުފެއްދުންތެރި ދަތުރަކަށް ވާނެ ކަމަށް އިންތިޒާރު ކުރައްވާކަމަށް ޝާހިދު ވިދާޅުވިއެވެ.

އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއަށް ކުރެއްވި ދަތުރުގައި ރާއްޖެ އާއި އެމެރިކާގައި އެމްބަސީ ގާއިމް ކުރުމަށް ނިންމަވާފައި ވާއިރު، މިހާރު ރާއްޖެ އާއި އެމެރިކާ އާ ދެމެދު ކުރާ ހާރިޖީ މުއާމަލާތްތައް ކުރިއަށް ގެންދަނީ ސްރީލަންކާގައި ހުންނަ އެމެރިކާ އެމްބަސީ މެދުވެރިކޮށެވެ.