ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ 3 މުވައްޒަފުން ހައްޖަށް ފޮނުވުމުގެ އިންތިޒާމު އެ ކުންފުނިން ހަމަޖައްސައިފިއެވެ.

އެސްޓީއޯއިން ބުނީ ހައްޖަށް ފޮނުވަން ނިންމާފައިވާ މުވައްޒަފުންގެ ތެރޭގައި ހިމެނެނީ އެސްޓީއޯ ޏ.ފުވައްމުލަށް ފިހާރަ، އެސްޓީއޯ ސ.ފޭދޫ ފިހާރަ އަދި ޓްރާންސްޕޯޓް ޑިޕާޓްމަންޓްގެ ވެސެލް ގައި މަސައްކަތްކުރާ މުވައްޒަފުން ކަމަށެވެ.

އެސްޓީއޯއިން 2016 ވަނަ އަހަރު މުވައްޒަފުންނަށް ހުޅުވާލި މި ސްކީމްގެ ދަށުން ހައްޖަށް ދިއުމަށް އެޕްލިކޭޝަން ފޯމް ހުށަހެޅެނީ މީގެކުރިން ފަރުޟު ހައްޖެއް ވެފައިނުވާ ދިވެހި މުވައްޒަފުންގެ ތެރެއިން ކުންފުންޏަށް 10 އަހަރު ހިދުމަތް ކޮށްފައިވާ ފަރާތްތަކަށް ކަމަށް އެ ކުންފުނިން ބުނެއެވެ. ހައްޖަށް ދިއުމަށް އެޕްލިކޭޝަން ހުށަހަޅާ މުވައްޒަފުންގެ ތެރެއިން 1 ޖާގަ އުމުރުން އެންމެ ގިނަ ދުވަސްވެފައިވާ ފަރާތްތަކުގެ ތެރެއިން މުވައްޒަފަކަށް ހާއްސަކޮށްފައި ވާއިރު އެ ޖާގައަށް ހޮވާނީ ކުންފުންޏަށް އެންމެ ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ އަދި މަސައްކަތަށާއި ހާޒިރީއަށް އެންމެ ރަނގަޅު މުވައްޒު ކަމަށާއި އިތުރު ޖާގައަށް ހޮވަނީ ގުރުއަތުން ކަމަށް ވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.

އެސްޓީއޯއިން އިތުރަށް ބުނީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން 2020 ވަނަ އަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ އިންތިޒާމް ސައުދީއިން ހަމަޖެހިފައި ނުވާތީ އެއަހަރު ހައްޖަށް ދިއުމަށް ހޮވުނު މުވައްޒަފުން އެ އަހަރު ނުފޮނުވުނު ނަމަވެސް މިދިޔަ އަހަރު އަދި މި އަހަރު އެ މުވައްޒަފުން ހައްޖަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖެހިގެން ގޮސްފައިވާ ކަމަށެވެ.

އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވަނީ ހައްޖަށްދާ މުވައްޒަފުންނާ ބައްދަލަކުރައްވާ މަބުރޫރު ހައްޖަކަށް އެދިވަޑައިގެންފައެވެ.

ކުރިއަށްއޮތް އަހަރުތަކުގައިވެސް އެސްޓީއޯގެ ފަރާތުން މުވައްޒަފުން ހައްޖަށް ފޮނުވުމުގެ އިންތިޒާމް ހަމަޖައްސާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.