ރައްޔިތުން މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމުގެ މުހިންމު މަސައްކަތް ދިގު ދަންމަނީ ރައީސް ނަޝީދު އިސްކޮށް ހުންނަވާ އަލަށް އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ "ދަ ޑިމޮކްރެޓްސް" އުފެއްދެން ދެން ކަމަށް މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ތުހުމަތު ކުރައްވައިފިއެވެ.

ރާއްޖެޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ނިޔާޒް ވިދާޅުވީ އެގޮތަށް އެބޭފުޅުން [ޑިމޮކްރެޓްސް] އަމަލު ކުރަމުން ދަނީ އެމްޑީޕީން ވަކިވި 12 މެންބަރުންނާއި ވަކިކޮށްފައިވާ މެންބަރު [މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް] މިވަގުތު ތިއްބެވީ މިނިވަން މެންބަރުންގެ ގޮތުގައި ކަމަށް ވުމާއި ޕާޓީއެއްގެ ތެރެއިން އެ މެންބަރުން ވަކާލާތު ކުރެއްވުމަކީ މަޖިލީހުގައި އިތުރު ވަގުތާއި ފުރުސަތުތަކަށް ވުމުން ކަމަށެވެ.

އަދި މަޖިލީސް ކުރިއަށް ނުގޮސް ހުއްޓިފައި އޮތް ކަމަށް ދެއްކުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށާއި އެއީ އެމްޑީޕީން ގަބޫލުކުރާ ގޮތް ނޫން ކަމަށެވެ. އެކަމަށް މަޝްވަރާ ކޮށްގެން ހައްލެއް ނުލިބިއްޖެ ނަމަ އިސްތިޝާރީ ލަފަޔަކަށް ސުޕްރީމް ކޯޓުގައިވެސް އެދޭނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް އިތުރަށް ވިދާޅުވީ މުހިންމު މަސައްކަތްތައް ނުނިންމާ މަޖިލިސް ޗުއްޓީއަށް ދިއުމުގެ އެއްވެސް ރޫހެއް އެމްޑީޕީ މެންބަރުންގެ ނެތް ކަމަށެވެ. މަޖިލީހުގެ ކޮމިޓީތައް ހުއްޓިފައި އޮތުމުން ކަންބޮޑުވުން ފާޅުކުރައްވަމުން ނިޔާޒް އިތުރަށް ވިދާޅުވީ، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އެކަނި ވެސް މުހިންމު އެތައް މަސައްކަތްތަކެއް އެބަހުރި ކަމަށެވެ. އަދި ކޮމިޝަންތަކާ ގުޅުން ހުރި މުހިންމު މަސައްކަތްތަކާއި އިދާރާތަކާ ގުޅުން ހުރި ކަންކަން ހުރުމުން، މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކީ އެ އިދާރާތަކާއި ކޮމިޝަންތަކުގެ މަސައްކަތަށް ވެސް ހުރަސް އެޅޭ ކަމެއް ކަމަށެވެ.

މީގެ އިތުރުންވެސް މަސައްކަތްތެރިންގެ ރައްކާތެރިކަމުގެ ބިލާއި ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ އިސްލާހަކީ ވެސް މުހިންމު ދެ ބިލު ނަމަވެސް ކުރިއަށް ނުގޮސް އޮތީ މަޖިލީހުގެ މަސައްކަތްތައް ކުރާނެ ޖާގަ ނުދިނުމުން ކަމަށް ނިޔާޒް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުން މަޖިލީހުގެ ތަޅުން ހޫނުވެފައިވާ މި ދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މަގާމުން ވަކިކުރުމަށް ހުށަހަޅާފައި ވާއިރު އެ ޖަލްސާގެ ގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ ނަޝީދު ވަނީ ސިޓީއެއް ފޮނުއްވާފައެވެ.

ރިޔާސަތު ބެލެހެއްޓުމުން އެއްކިބާވި ނަމަވެސް މަޖިލީހުގެ ގަވާއިދުގައި ބަޔާން ކުރާ ގޮތަށް މަޖިލީހުގެ އެންމެހާ ކަންކަން ހިންގުމުގައި ދެމިހުންނަވާނެ ކަމަށާއި، އަދި މައްސަލަ ހިންގަމުން ދާއިރު އަމީންއާންމުގެ މަސްއޫލިއްޔަތަކާއި ވާޖިބުތަކަށް ކުޑަކޮށް ވެސް ހުރަސް އެޅޭ ފަދަ ކަމެއް ނުކުރައްވާނެ ކަމަށް އެ ސިޓީގައި، ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެއާއެކު ރިޔާސަތުގައި އިންނަވާނެ ބޭފުޅަކު ހަމަޖެހެންދެން މިއަދުގެ ޖަލްސާ ފެށުން ވަނީ ފަސްކޮށްފައެވެ.