ރ. ފުއްގިރި ކުއްޔަށް ދޫކުރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށާއި އަހުމަދު ކްރިކް ރިޒާގެ މައްޗަށްކޮށްފައިވާ ދައުވާގެ ޝަރީއަތްތައް އަވަސް އަރުވާލައިގެން ދިގުލާ ކުރިއަށްގެންދާތީ ވ. އާރަށުގެ މައްސަލާގައި އެމަނިކުފާނުގެ މައްޗަށްކޮށްފައިވާ ހުކުމުގެ އިސްތިއުނާފުގެ މައްސަލައަށް ހުރަސްއެޅިއްޖެއެވެ.

ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ މަނީ ލޯންޑަރިންނާއި ރިޝްވަތު ހިފުމުގެ ދައުވާއެވެ. އަދި މި މައްސަލައިގައި ދައުލަތުން ވަނީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.12 މިލިއަން ޑޮލަރު ހޯއްދަވައި އެ ފައިސާ ސަން ސިޔާމްގެ ދެ ކުންފުންޏެއް މެދުވެރިކޮށް ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތު ޔާމީންގެ މައްޗަށް ކޮށްފައެވެ.

އެ މައްސަލާގެ ހެކިބަސް ނެގުމުގެ ޝަރީއަތެއް އިއްޔެ ކްރިމިނަލް ކޯޓުގައި ކުރިއަށްގެންގޮސްފައިވާއިރު އިއްޔެގެ ޝަރީއަތުގެ އަޑުއެހުން ފެށިފައިވަނީ ހެނދުނު 9 ޖަހާއިރެވެ. އަދި އިއްޔެ އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހެކިބަސް ނަގާފައިވާއިރު އެ އަޑުއެހުން ދިގުލައިގެން ގޮސް ރޭ 10 ޖަހާ ހާއިރެވެ. އަދި އެ މައްސަލާގެ އަޑުއެހުމެއް މިއަދު ހެނދުނު އަދި މާދަމާއަށްވެސް ތާވަލުކުރި ނަމަވެސް ވަކީލުން ވަނީ ލުއި ފަސޭހަ ގޮތެއް ހަމަޖައްސައިދިނުމަށް އެދިވަޑައިގެންފައެވެ.

އިއްޔެގެ އަޑުއެހުން ދިގުލައިގެން ދިއުމާއެކު ކަންބޮޑުވުން ފާޅުކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެހާ ދިގުކޮށް އަޑުއެހުންތަކުގައި އިންނެވުމަށް ސިއްހަތު ތަން ނުދޭ ކަމަށް ކުރިން ވެސް ކޯޓުގައި ވިދާޅުވެފައިވާ ކަމަށެވެ. އަދި އިސްތިއުނާފުގެ މައްސަލައަށް ހުރަސް އެޅޭކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ އިއްޔެގެ އަޑުއެހުން އެހާ ދިގުކޮށް ގެންދިއުމުން މިއަދަށް ހައި ކޯޓުގައި ތާވަލުކޮށްފައި އޮތް އަޑުއެހުން މިހާރު ކެންސަލްކޮށްފައިވާ ކަމަށެވެ.

އިއްޔެގެ އަޑުއެހުން ދިގުލައިގެން ގޮސް މިއަދަށް އަޑުއެހުމެއް ތާވަލުކުރުމާ ގުޅިގެން ދިފާއީ ވަކީލުން ވެސް ވަނީ އެކަމާ ކަންބޮޑުވުންފާޅުކުރައްވާފައެވެ. އެގޮތުން ޖެހިޖެހިގެން ތިން ދުވަހަށް އަޑުއެހުންތައް ތާވަލުކުރިއިރު ބައިވެރިވާން ޖެހޭ އެހެން މައްސަލަތައްވެސް ހުރި ކަމަށް ވިދާޅުވިއެވެ. އަދި މި މައްސަލައަކީ ރެއާ ދުވާލު ކުރިއަށް ގެންދަން ޖެހޭ މައްސަލައެއް ނޫން ކަމަށްވެސް ދިފާއީ ވަކީލު އަލީ ޝާހް ވިދާޅުވިއެވެ.

މިއަދަށް ތާވަލުކުރި އަޑުއެހުން މާދަމާއަށް ތާވަލުކޮށްދިނުމަށް އެދުނު ނަމަވެސް ގާޒީ ވަނީ އެ މައްސަލާގެ މިއަދުގެ އަޑުއެހުން ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. އެގޮތުން މިއަދުގެ ހެނދުނުގެ ދަންފަޅި 9 އިން މެންދުރު 12 އަށް އަދި މެންދުރުފަހުގެ ދަންފަޅި 1 އިން 3 އަށް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކޮށްފައެވެ.

އިއްޔެގެ އަޑުއެހުން ދިގުލައިގެން ދިއުމުން އިދިކޮޅުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވާއިރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިއްޔެގެ އަޑުއެހުމަށް 13 ގަޑިއިރު ރައީސް ޔާމީން ބޭންދުމަކީ ވަރަށް އަނިޔާއާއި ތޯޗަރިން ކަމަށެވެ. އަދި ސަރުކާރުން ފަސް އަހަރު ކުރަމުންދާ ކަމަކީ ރައީސް ޔާމީނަށް އަނިޔާ ކުރުމާއި އިސްތިއުނާފަށް ހުރަސް އެޅުން ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވަނީ ޝަރުއީ ނިޒާމަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓާލަން ޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ.

ފުއްގިރި ކުއްޔަށް ދޫކުރީ ބިޑަކާ ނުލަައި ދުބާއީގެ ކުންފުންޏެއް ކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް އަށެވެ. އެ ކުންފުންޏަށް ފުއްގިރި ދިނީ 1.55 މިލިއަން ޑޮލަރަށެވެ.