މި އަހަރު ރާއްޖެއިން ހައްޖަށް ދާ ފަރާތްތަކުގެ ދަތުރުގައި އެހީތެރިވުމަށް އާބަންކޯ އާއި އެމްޓީސީސީން ދަތުރުވެރިން އެއާޕޯޓަށް އުފުލައިދޭން ފަށައިފިއެވެ.

އާބަންކޯއިން ބުނީ، މި އަހަރު ހައްޖުގެ އަޅުކަމަށް ރާއްޖެއިން ފުރާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހާ ހަމައަށް އެ ފަރާތްތަކުގެ ލަގެޖާއި، ދަތުރުވެރިން އެއާޕޯޓަށް ގެންގޮސްދިނުމުގެ ހިދުމަތް ދެމުންދާ ކަމަށެވެ.

އާބަންކޯ އިން ހައްޖުވެރިން އެއާޕޯޓަށް އުފުލައިދެނީ

އެގޮތުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަން، ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕް، އަލްމަނާސިކް އަދި އަލްހަރަމައިން ގެ ހައްޖުވެރިންނާއި ލަގެޖު އެއާޕޯޓަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ. އާބަންކޯއިން ބުނީ، ހައްޖު ކޯޕަރޭޝަންގެ ހައްޖުވެރިން 3 ދުވަހު ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި އޭގެ ތެރޭގައި މިއަދު 243 ހައްޖުވެރިން އަދި 16 ވަނަ ދުވަހު އާއި 19 ވަނަ ދުވަހު 243 ހައްޖުވެރިން ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހައްޖުގެ މާތް އަޅުކަމުގައި ބައިވެރިވާ ފަރާތްތަކަށް މި ކުންފުނީގެ ފަރާތުން އެހީއެއްގެ ގޮތުގައި ދަތުރު ހަމަޖައްސައިދެވުމަކީ މި ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

އެމްޓީސީސީން ހައްޖުވެރިން އެއާޕޯޓަށް އުފުލައިދެނީ

އާބަންކޯގެ އިތުރުން އެމްޓީސީސީން ވެސް ވަނީ ހައްޖުވެރިން އެއާޕޯޓަށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާއިރު އެބަރަކާތްތެރި ދަތުރުގައި އެހީތެރިކަން ފޯރުކޮށްދެއްވުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ހައްޖުވެރިންގެ ފޮށިތައް

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާ 290 ހައްޖުވެރިން މިއަދު މެންދުރުފަހު 3:10 ގައި ފުރާފައިވާއިރު ޖުމްލަ 6 ފްލައިޓަކުން ހައްޖުވެރިން ދަތުރު ކުރާނެއެވެ. އެ ފްލައިޓްތައް އޮންނާނީ މި ހިނގާ ޖޫން މަހުގެ 12، 13، 15، 16 އަދި 19 ވަނަ ދުވަހެވެ.

ސައުދީ ސަރުކާރުން މި އަހަރު ރާއްޖެއަށް 1000 ކޯޓާދީފައިވާއިރު މި އަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ހައްޖުވެރިންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްހައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ ނައިބު ރައީސް ފައިސަލް ނަސީމު ކަމަށް ވަނީ ކަނޑައަޅުއްވާފައެވެ.