ރ. ފުއްގިރި ހިޔާނާތުގެ މައްސަލައިގައި އަހުމަދު ކްރިކް ރިޒާއަށް ޖަމާވި ޗެކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޗެކެއްކަން އެނގިފައިވާ ކަމަށް އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވިދާޅުވެއްޖެއެވެ.

ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ މަނީ ލޯންޑަރިންނާއި ރިޝްވަތު ހިފުމުގެ ދައުވާއެވެ. އަދި މި މައްސަލައިގައި ދައުލަތުން ވަނީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މއ. ކުރިކީލަހިޔާ އަހްމަދު ރިޒާ "ކްރިކް ރިޒާ" މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.12 މިލިއަން ޑޮލަރު ހޯއްދަވައި، އެ ފައިސާ ސަން ސިޔާމްގެ ދެ ކުންފުންޏެއް މެދުވެރިކޮށް ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތު ޔާމީންގެ މައްޗަށް ކޮށްފައެވެ.

މި މައްސަލައިގެ މިއަދުގެ އަޑުއެހުމަކީ ދައުލަތުން ހުށައަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ. ހެކިބަސް ދެއްވަމުން ޒިޔަތު ވަނީ ރަށްތަކާއި ފަޅުތައް ދޫކުރުމުގައި ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރްސީން އަދާ ކުރި ދައުރާ ގުޅޭ ބައެއް ވާހަކަތައް ދައްކަވާފައެވެ.

ރ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅޭ ލިއުންތަކުގައި ސޮއި ކުރައްވާފައިވާނެކަން ފާހަގަ ކުރައްވާ ޒިޔަތު ވިދާޅުވީ، އެ ރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން މިނިސްޓްރީގެ ފަރާތުން ވާހަކަ ދެއްކެވީ ޓޫރިޒަމް މިނިސްޓަރު އަދީބު ކަމަށެވެ. އެ ރަށް ކުއްޔަށް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދަވަނީ ޔާމީނު ދަންނަވައިގެން ކަމަށްވެސް އަދީބު ވަނީ ޒިޔަތު ގާތުގައި ވިދާޅުވެފައެވެ.

އެ ރަށް ކުއްޔަށް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދެވީ ޔާމީން ދަންނަވައިގެން. ފޯނު ކޯލާއި މެސެޖުތައް މެދުވެރިކޮށް އެ ވާހަކަތައް އޭރު ދެކެވުނު. އަދި ބައްދަލުވުންތައްވެސް ކުރިއަށްގެންދެވުނު
ޒިޔަތު

ޒިޔަތު ވިދާޅުވީ އެ ކުންފުންޏަށް ރަށް ދޫކުރުމުގެ މުއާމަލާތް ތަކުގައި ބައިވެރިވީ ކްރިކް ރިޒާ ކަމަށެވެ. ފުރަތަމަ އެމްއެމްޕީއާރުސީން 2.5 މިލިއަން ޑޮލަރަށް ހުށަހެޅި ނަމަވެސް ރިޒާ އެދުނީ ހަތަރު ލައްކަ ޑޮލަރަށް ދޫކުރުމަށެވެ. ފަހުން އަދީބު އަންގަވައިގެން 1.55 މިލިއަން ޑޮލަރަށް ދޫކުރީ ކަމަށެވެ.

އޭގެ އިތުރަށް ކްރިކް ރިޒާ އެދިގެން ކުއްޔަށް ރަށް ދޫކުރުމުގެ އެއްބަސްވުން ސޮއިނުކޮށް ލަސް ވެސް ކުރި ކަމަށް ޒިޔަތު ވިދާޅުވިއެވެ. އެއީ ރިޒާއަށް ލިބޭ ޕޭމަންޓެއް ލަސްވެގެން އަދި އެ ޕޭމަންޓްގެ ތެރޭގައި ޔާމީނަށް ލިބޭ ކޮމިޝަނެއް ވެސް ހިމެނޭތީ ކަމަށް އަދީބާ ހަވާލާދީ، ޒިޔަތު ވިދާޅުވިއެވެ.

ފުއްގިރި ކުއްޔަށް ދޫކުރުމުގެ އެގްރީމަންޓުގައި ސޮއި ކުރުމަށް އެ ޕޭމަންޓު އެހައި މުހިންމު ވަނީ ކީއްވެތޯ ދައުލަތުން ސުވާލު ކުރުމުން ޒިޔަތު ވިދާޅުވީ، އެއީ އެގްރީމަންޓުގެ ބޭރުން އަންނަ ޕޭމަންޓެއް ކަމަށާއި، އެއީ ރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ޔާމީނަށް އަންނަ ޕޭމަންޓެއްކަމަށް އެނގިފައި އޮތް ކަމަށެވެ. ކްރިކް ރިޒާއާއި އަދީބުވެސް އެހެން ވިދާޅުވެފައި ވާކަން ޒިޔަތު ފާހަގަ ކުރެއްވިއެވެ.

ޒިޔަތު އިތުރަށް ވިދާޅުވީ، ފުއްގިރި ކުއްޔަށް ދޫކުރުން އަވަސްކޮށްދިނުމަށް އެދި ޔާމީން މެސެޖުކުރެއްވި ކަމަށާއި ބައެއް ރަށްރަށުގެ އަގު ކަނޑައެޅުމުގެ ކަންކަމުގައިވެސް ޔާމީނު އިރުޝާދު ދެއްވާފައިވާ ކަމަށެވެ.