ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ގެންދިޔަ ހާއްސަ އެހީއަށް ބޭނުންވާ މީހެއްގެ އަތުން ފައިސާ ނެގި ކަމުގެ ތުހުމަތު ކުރެވޭ އެ މަރުކަޒުގެ މުވައްޒަފަކު މަސައްކަތުން އެކަހެރި ކޮށްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެފަދަ މައްސަލައެއް މިނިސްޓްރީގެ ސަމާލުކަމަށް އައުމާ ގުޅިގެން މައްސަލަ ބަލާ ނިމެންދެން މައްސަލައިގައި ތުހުމަތު ކުރެވިފައިވާ މުވައްޒަފު މަސައްކަތުން އެކަހެރިކޮށްފައި ވާ ކަމަށެވެ.

މި މައްސަލަ ބަލާ ނިމުމުން އޮންނަ އުސޫލުގެ ދަށުން މުވައްޒަފާ މެދު ފިޔަވަޅު އަޅަންޖެހޭ ނަމަ ސިވިލް ސާވިސްގެ ގަވާއިދާ އެއްގޮތަށް މުވައްޒަފާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން މަސައްކަތުން އެކަހެރި ކޮށްފައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ އެސިސްޓެންޓް ސުޕަވައިޒަރެކެވެ. އޭނާ ވަނީ އެ މަރުކަޒުގެ ބެލުމުގެ ދަށަށް ގެންދިޔަ ހާއްސަ އެހީއަށް ބޭނުންވާ މީހެއްގެ އަތުން 7 ހާސް ރުފިޔާ ނެގުމުގެ އިތުރުން އޭނާގެ ބޭންކް ކާޑު ބޭނުން ކޮށްގެން 2 ފަހަރަކު އޭޓީއެމް އިން ލާރި ވެސް ނަގާފައި ކަމަށް މައުލޫމާތު ލިބެއެވެ.

ކ. ގުރައިދޫގަ ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ މަރުކަޒެކެވެ.