ބިޒްނަސް ސެންޓާ ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ނަންއެކްޒެކެޓިވް މެންބަރު ކަމުގައި ހުންނެވި މ. ލިޔުޒާނާ އަހްމަދު އިފްތިހާރު އެ މަގާމުގެ އިތުުރު ދައުރަކަށް އައްޔަން ކޮށްފިއެވެ.

ޕަރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޮޑު (ޕީސީބީ) އިން މި ނިންމުން ނިންމާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ބޯޑުން ބުނީ، އިފްތިހާރު އެ މަގާމުގެ އިތުރު ދައުރަކަށް ހޮވާފައި ވަނީ ގާނޫނު ނަންބަރު 3/2013 ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ޒ ގެ 2 ގައިވާ ގޮތުގެ މަތިން ކަމަށެވެ.

އިފްތިހާރަށް އެ ކުންފުނީގެ ބޯޑުގެ މެންބަރު ކަމުގެ މަގާމަށް އައްޔާން ކުރި ކަމުގެ ލިޔުން ހަވާލު ކުރައްވާފައި ވަނީ މިއަދު ފިނޭނެސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ޕީސީބީގެ ރައީސް އާސިމް މުހައްމަދެވެ.

އެ ރަސްމިއްޔާތުގައި ޕީސީބީން ވަނީ ޕީސީބީގެ ގާނޫނާއި ކޯޕަރޭޓް ގަވާނަންސް ކޯޑާ ގުޅޭ މައުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަން ހުށަަހަޅައި އެ ބޯޑުން ކުރިއަށް ގެންދިޔަ ބިޒްނަސް ސެންޓަރު ކޯޕަރޭޝަން ލިމިޓެޑްގެ ފައިނޭންޝަލް އަދި ގަވަނަންސް ރިވިއުތަކުން ފާހަގަވެފައިވާ ކަންކަން ހިއްސާކޮށް އެކަންކަން އިސްލާހު ކުރުމަށް ވަނީ އެދިފައެވެ. އަދި ކުންފުނި ހިންގުމުގައި މިހާރު ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން ވެސް ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައެވެ.

އިފްތިހާރަކީ ބެޗްލާސް އޮފް އާޓްސް އޮނާސް އިން ބިޒްނަސް ސްޓަޑީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ 2008 ވަނަ އަހަރު ފެށިގެން އިކޮނޮމިކް މިނިސްޓްރީގައި ވަޒީފާ އަދާކަުރައްވަމުން ވެސް އަންނަ ބޭފުޅެކެވެ. އޭނާ އަދާ ކުރެއވި ވަޒީފާގެ ތެރޭގައި އެ މިނިސްޓްރީގެ ޕްލޭނިން އެންޑް ޕޮލިސީ ކޯޑިނޭޝަން ސެކްޝަންގެ ޑިރެކްޓަރު ކަމާއި ޑިރެކްޓަރު ކޮމްޕެނީ އެފެއާޒްގެ މަގާމު ހިމެނެއެވެ.