މިދިޔަ އޭޕްރިލް މަހުގެ ހަތްވަނަ ދުވަހު ނ. މަނަދޫ ނައީމާ މޫސާ މަރާލި މައްސަލައިގައި، މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި އަހުޒަމް އަބްދުއްޝަކޫރުގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ.

ނައީމާގެ މަރުގެ މައްސަލައިގައި މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ ތިން މީހުންނަކީ:

  • އަހުޒަމް އަބްދުއްޝަކޫރު (23އ)
  • 20 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނެއް

މީގެ ތެރެއިން އަހުޒަމް ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް، ބަންދުކޮށްފައެވެ. އެ މައްސަލައިގައި އޭނާގެ ބަންދަށް 14 ދުވަސް މީގެ ކުރިން އިތުރުކޮށްފައިވެއެވެ. ބާކީ ތިބި ދެ މީހުންގެ ތެރެއިން 20 އަހަރުގެ މީހާ މިދިޔަ މަހުގެ 26 ގައި ހައްޔަރުކުރީ މަނަދޫއިންނެވެ. އަދި 21 އަހަރުގެ މީހާ އޭގެ ދެ ދުވަސް ފަހުން ހައްޔަރުކުރީ މާލޭންނެވެ.

އޭގެ ތެރެއިން މާލޭން ހައްޔަރުކުރި މީހާ 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ މީގެ ކުރިން އަމުރުކޮށްފައެވެ.

މީޑިއާ އަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ، މަސްތުވާތަކެތީގެ މައްސަލައެއްގައި މަނަދޫން ހައްޔަރުކުރި އަހުޒަމް، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ބަންދުގައި ހުރީ ނައީމާގެ މަރުގެ މައްސަލައިގައި ކަމަށާއި، އޭނާގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހާފައިވާ ކަމަށެވެ. އޭގެ އިތުރުން މަނަދޫން ހައްޔަރުކުރި 20 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ވެސް، ފުލުހުން ބުންޏެވެ.

މަނަދޫގެ ގެއެއްގައި އެކަނި ދިރިއުޅެމުން ދިޔަ ނައީމާގެ ހަބަރެއް ނުވެގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓު ކުރީ މިދިޔަ އޭޕްރިލް މަހުގެ ހަތްވަނަ ދުވަހު އިރުއޮއްސި 6:13 ހާއިރެވެ. ނައީމާގެ ގޭގެ ދޮރު ހަލާކު ކޮށްލައި ފުލުހުން ވަދެ ބެލިއިރު ފެނުނީ މަރާލާފައި އޮތް އޭނާގެ ހަށިގަނޑެވެ.

މާ ބޮޑު ތަފްސީލެއް ނުދެއްވި ނަމަވެސް، ނައީމާ މަރާލި މައްސަލަ ތަހްގީގުކުރުމުގައި ވަރަށް ބޮޑެތި ކުރިއެރުން ލިބިފައިވާ ކަމަށް، ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދު މީގެ ކުރިން ވިދާޅުވެފައިވެއެވެ.