ރާއްޖެއިން ބޭރުން މީހުން ގެނެސް ފުޅާ ދާއިރާއެއްގައި ހަށިވިއްކާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފިއެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ ފައިޖުލް އިސްމާއިލް (33އ)އެވެ.

އޭނާ ބަންދުކުރުމަށް ނެރުނު ކޯޓު އަމުރުގައި ވަނީ ފުލުހުން ހުށަހެޅި އިންޓެލިޖެންސް ރިޕޯޓްތަކާ ތަހުގީގު ރިޕޯޓްތަކުން އޭނާ އަކީ ރާއްޖެއިން ބޭރުން މީހުން ގެނެސްގެން ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ މީހެއް ކަމަށް ބެލެވޭކަމަށެވެ. އަދި މައްސަލާގައި ބަޔާން ނެގުނު މީހުންގެ ބަޔާންތަކުން އޭނާ އަކީ މިކަމުގެ އިސް ފަރާތްތަކަމަށް ބުނެފައިވާކަމަށާ ތުހުމަތުކުރެވޭ ފަރާތްތަކުގެ ފޯނުން އޭނާ އާ މުއާމަލާތް ކޮށްފައި ވާކަން އެނގޭކަމަށް މި އަމުރުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ކޯޓު އަމުރުގައި ވަނީ އެމްޑީ ފައިޖުލް އިސްމާއިލް އަކީ އެ ބާވަތުގެ ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށެވެ.

އެމްޑީ ފައިޖުލް އިސްމާއިލްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވާއިރު އޭނާ އަކީ ރާއްޖޭގައި ގަވާއިދާ އެއްގޮތަށް އުޅޭ މީހެއްތޯ ބެލުމަށް ފުލުހުންގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.