އިނގިރޭސިވިލާތުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ފުރަތަމަ ފަހަރަށް ޔޫއެފްއާ ޗެމްޕިއަންސް ލީގު މުބާރާތް ކާމިޔާބުކޮށްފިއެވެ.

ސިޓީ މި މުބާރާތް ކާމިޔާބުކުރީ މިރޭ ތުރުކީގެ އިސްތަންބުލްގައި ކުޅުނު ފައިނަލް މެޗުގައި އިޓަލީގެ އިންޓާ މިލާންއާ ވާދަކޮށް 1-0 ގެ ހަނި ނަތީޖާއަކުންނެވެ.

މިސީޒަންގެ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ސިޓީއަށް މިރޭގެ ފައިނަލް މެޗުވީ އުނދަގޫ ކުރިމަތިލުމަކަށެވެ. މިގޮތުން އިންޓާއިން ދެއްކި ވަރުގަދަ ދިފާއީ ކުޅުމުގެ ސަބަބުން މެޗުގެ ފުރަތަމަ ހާފްގައި ސިޓީއަށް އުފެއްދުނީ ނުރައްކާތެރި އެންމެ ދެ ހަމަލާއެވެ. ހާއްސަކޮށް މިސީޒަންގައި ރިކޯޑް ލަނޑު ޖެހި ފޯވަޑް އާލިންގް ހާލަންޑަށް މެޗުގައި އެއްކޮށް މާ ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ހާފް 0-0 އިން އެއްވަރުވެގެން ނިމުނު އިރު ދެވަނަ ހާފްގައި ގިނަ ހަމަލާތައް އުފެއްދީ އިންޓާއިންނެވެ. އެހެން ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފި ތިއްބާ ސިޓީން ވަނީ އިންޓާ ކޮޅަށް ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގާފައެވެ.

ސިޓީގެ ލަނޑު ޖަހާ ދިން ރޮޑްރީ/ފޮޓޯ: ޓުވިޓާ

މެޗުގެ 68 ވަނަ މެޗުގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މިޑްފީލްޑަރު ރޮޑްރީއެވެ.

އެއަށް ފަހު އިންޓާއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރާނެ ދެ ފުރުސަތެއް ލިބުނު ނަމަވެސް ސިޓީގެ ކީޕަރު އެޑާސަން ވަނީ ހުޝިޔާރު ސޭވްތަކެއްކޮށްފައެވެ.

ސިޓީގެ ކީޕަރު އެޑާސަން ވަނީ ދެވަނަ ހާފްގައި މުހިއްމު ސޭވްތަކެއްކޮށްފައި/ފޮޓޯ: ޓުވިޓާ

މެޗު ނިމުނީ 1-0 ގެ ނަތީޖާއަކުން ސިޓީން މޮޅުވެ ތާރިހުގެ ތެރޭގައި އެޓީމުގެ ނަން ލިޔެވިގެންނެވެ. މި ގޮތުން ސިޓީގެ ފުރަތަމަ ޗެމްޕިއަންސް ލީގު ތައްޓަކީ އެޓީމުން މިސީޒަންގައި ހޯދި ތިން ވަނަ ތައްޓަށްވާ އިރު މިއީ އިނގިރޭސި ޓީމަކުން އެއް ސީޒަނެއްގައި ތިން ތައްޓެއް ހޯދި ދެވަނަ ފަހަރެވެ.