ކުރިއަށް އޮތް އިންތިހާބަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއެކު ކޯލިޝަން ނަހައްދަވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީގެ) ގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިފަދައިން ވިދާޅުވެފައި ވަނީ ރައީސް ސޯލިހް ކޯލިޝަން ހެދުމަށް އެމަނިކުފާނަށް ދެއްވި ދައުވަތަށް ރަސްމީކޮށް ޖަވާބު ދެއްވުމަށް ފޮނުއްވި ސިޓީގައެވެ.
އެ ސިޓީގައި ގާސިމް ވިދާޅުވެފައި ވަނީ ރައީސް ސޯލިހްގެ ޒައާމަތުގައި ކަންކަމާ މެދު މިހާތަނަށް އަމަލުކުރެއްވި ގޮތުންނާއި ކަންކަން ހިނގަމުންދާ ގޮތުން ޕާޓީގެ ކޮންގްރެސް އިން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ފަރާތުން ކެނޑިޑޭޓެއް ނެރުމަށް ގަރާރެއް ހުށަހަޅާ އެކަމާ ބަހުސްކޮށް އެ ގަރާރު ކޮންގްރެސްގެ އިއްތިފާގުން ފާސްކޮށްފައިވާ ކަމަށެވެ. އަދި މި ޕާޓީގެ ކައުންސިލް އަށް ބަޔާން ކުރި ގަރާރު ހުށަހެޅުމުން ކައުންސިލްގެ އިއްތިފާގުން ގަރާރު ގަބޫލުކޮށް، މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނޭ ޖޭޕީގެ ރިޔާސީ ކެނޑިޑޭޓަކީ ގާސިމް ކަމުގައި ކަނޑައަޅައި ފާސްކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނުގެ ސިޓީގައި ފާހަގަ ކުރައްވާފައި ވެއެވެ.
އެހެންކަމުން ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ޖޭޕީގެ ކައުންސިލްގެ ނިންމުން ތަންފީޒު ކުރުމުގައި ގާސިމް ސާބިތުވެ ހުންނަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ގާސިމް އިތުރަށް ވިދާޅުވީ 2018ގެ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ފަރާތުން އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދުކޮށް ރައީސް ސޯލިހް ރާއްޖޭގެ ރައީސްގެ މަގާމަށް ގެނައުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ވެސް ކޮށްފައިވާނެ ކަމަށާއި 2008ގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ކެނޑިޑޭޓް ހޮވުމަށްވެސް ވަރަށް އިހްލާސްތެރި މަސައްކަތްތަކެއް ކުރި ކަމަށެވެ.
ޖޭޕީއިން މަސައްކަތް ކުރި ގޮތަށް އެމްޑީޕީގެ ދެ ކެނޑިޑޭޓުން 2 ފަހަރުވެސް އިންތިހާބުވެފައިވާ ކަމަށާއި އެ 2 ފަހަރު ވެސް ޖޭޕީއިން އެމްޑީޕީގެ ކެނޑިޑޭޓަށް ބައިއަތު ހިފައި ރާއްޖޭގެ ވެރިކަމަށް ގެނައުމަށް ތާއީދުކުރީ ރާއްޖޭގެ ސަރަހައްދު، މިނިވަންކަން، އިސްތިގުލާލު، ދިވެހިންގެ ދީން ރައްކާތެރިކޮށް، ރާއްޖޭގެ ސްޓަރެޓެޖިކް އެސެޓްތަކާއި ރާއްޖޭގެ އިގްތިސާދު ހިމާޔަތްކޮށް، ކުރިއަރުވައި، ރައްޔިތުންގެ މެދުގައި އިންސާފު ގާއިމްކޮށް، ދިވެހިންގެ މެދުގައި އިޖުތިމާއީ ހަމަހަމަޖެހުން އާލާކޮށް، ގައުމަށް ތަރައްގީއާއި ކުރިއެރުން ގެނެސްދީ، ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ވައުދުވެ ދެއްވި ޔަގީން ކަމުގެ މައްޗަށް ކަމުގައި ގާސިމް ވިދާޅުވިއެވެ.