ރަޝިއާގެ ޓޯގްލިއާޓީ އިން ގޮސް ޔޫކްރައިންގެ ހުޅަނގާއި ދެކުނަށް އަޅާފައި އޮންނަ އެމޯނިއާ ހޮޅި ގޮއްވާލި މައްސަލައިގައި ރަޝިއާ އާއި ޔޫކްރައިން އާ ދެމެދު އިތުރު ނުތަނަވަސްކަމެއް އުފެއްދިއްޖެއެވެ.

މި އެމޯނިއާ ހޮޅިއަކީ، ގަސްކާނާ އުފެއްދުމަށް ބޭނުންވާ އެމޯނިއާ އެކި ސަރަހައްދުތަކަށް ފޮނުވަން ބޭނުން ކުރާ 2500 ކިލޯމީޓަރުގެ ހޮޅިއެކެވެ.

މި ހޮޅި ގޮއްވާލުމުގެ ތުހުމަތު ޔޫކްރައިންގެ ބޮލުގައި ރަޝިއާއިން އަޅުވާ އިރު ޔޫކްރައިން އިން ބުނީ، ހޮޅި ގޮވީ ރަޝިއާއިން ފޮނުވާ އުންޑަތަކުން ކަމަށެވެ.

މި މައްސަލައިގައި ރަޝިއާއިން މިހާރު ބުނެފައި ވަނީ ހޮޅިއަށް ލިބުނު ގެއްލުން މަރާމާރު ނުކުރެވެނީ، ޔޫކްރައިން އިން އުފައްދާ ގޮދަނުގެ ބާވަތްތައް އެކްސްޕޯޓް ކުރުމަށް ހެދި އެއްބަސް ވުން ހުއްޓާލާނެ ކަމަށެވެ. ޔޫކްރައިން އަކީ ދުނިޔެއަށް ބޭނުންވާ ކާބޯތަކެތި ހާއްސަކޮށް ގޮދަނުގެ ބާވަތްތައް އެކްސްޕޯޓް ކުރާ ގައުމުތަކުގެ ތެރެއިން ބޮޑު ޕަސެންޓެއް އެކްސްޕޯޓް ކުރާ ގައުމެކެވެ. ޔޫކްރައިން ހަނގުރާމަ ފެށުމާއެކު ގޮދަން އެކްސްޕޯތް ކުރުމަށް އެތައް ފަހަރަެއްގެ މަތިން ރަޝިއާއިން ހުރަސް އެޅިއެވެ. އެއާއެކު ދުނިޔޭގެ ބާޒާރުގައި ގޮދަނުގެ އަގު އުފުލިގެން ދިޔައެވެ. ނަމަވެސް ތުރުކީ މެދުވެރިވެ ރަޝިއާ އާއި ޔޫކްރައިން އަދި އދ ގެ މަންދޫބުން އެއްމޭޒަށް ގެނެސް ކުރި މަޝްވަރާތަކަށް ފަހު އަލުން އެކްސްޕޯޓް ފެށިއެވެ. 120 ދުވަހުގެ މުއްދަތަށް ހެދި އެ އެއްބަސްވުން ހަމަވާނީ އަންނަ ޖުލައި 17 އަށެވެ.

ރަޝިއާގެ ބައެއް އޮފިޝަލުން މިމޭރުމުން ވާހަކަ ދައްކާފައި ވީ ނަމަވެސް އެގައުމުގެ ޕްރެސް ސެކްރެޓަރީ ވިދާޅުވެފައި ވަނީ ލިބުނު ގެއްލުގެ ބޮޑުކުޑަމިން އަދި ސާފު ނުވާ ކަމަށާއި އަދި އެކަމުގައި ޔޫކްރައިން އިން އަމަލު ކުރާ ގޮތަކީ ކޮބައިކަންވެސް ނޭނގޭތީ، ކުރިން ހެދި އެއްބަސްވުމައިގެން ކުރިއަށް ދިޔުން ހުއްޓިފައި ވާ ކަމަށާއި އެ ލިބުނު ގެއްލުން މަރާމާތު ކުރަންވެސް މަހެއްހާ ދުވަސް ނަގާނެ ކަމަށް ބެލެވޭ ކަމަށެވެ.

ނަމަވެސް ރަޝިއާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާން ވިދާޅުވެފައި ވަނީ ލިބުނު ގެއްލުން މަރާމާތު ކުރަން 3 މަހެއްހާ ދުވަސް ނަގާނެ ކަމަށެވެ. މީގެ އިތުރުން ގެއްލުން ލިބުނު ސަރަހައްދަށް ދިޔުމަށް ދަތުތަކެއް ނެތް ކަމަށް އެގައުމުގެ ޓްރޭޑް މިނިސްޓރު ވިދާޅުވެއެވެ.