"ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ" ގެ ނަމުުގައި ސިޔާސީ ޕާޓީއެއް އުފެއްދަން މ.ފެހިވިނަ، މުހައްމަދު އާތިފަށް އިލެކްޝަން ކޮމިޝަނުން ހުއްދަދީފިއެވެ.

މި އަހަރު ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ސޯޝަލް މީޑިއާގައި ހާމަކުރައްވައި، ކެމްޕެއިންގެ މަސައްކަތްތައް ވެސް އާތިފް ކުރައްވަމުން ގެންދަވާއިރު އޭނާ މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކުރިން އެ ޕާޓީއަށް ތިން ހާސް މެންބަރުންް ހަމަކޮށް ޕާޓީ ރަޖިސްޓްރީ ކުރާނެ ކަމަށެވެ.

ޕާޓީގެ ރަޖިސްޓްރޭޝަން ޕްރޮސެސް ދިގުލައިގެން ދިޔަނަމަވެސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ވެސް އިއުލާން ކުރައްވާފައި ވާއިރު އާތިފް ވިދާޅުވީ އެ ޕާޓީއަކީ ތައުލީމީ ބަޔަކު އިސްވެ އުފައްދާ ޕާޓީއެއް ކަމަށެވެ.

އާތިފް ވިދާޅުވީ އެ ޕާޓީގެ މެންބަރުން ތިބޭނީ ސިޔާސީ ގޮތުން ހަމަ ދުރުގައި ކަމަށާއި އެއީ ގައުމަށް ބަދަލުގެންނަން ބޭނުންވާ ބައެއް ކަމަށެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް އިން ދިނުމުން ޕާޓީ ރަޖިސްޓްރީ ކޮށްދޭނީ މަދުވެގެން 3،000 މީހުންގެ ސޮޔާ އެކު ހުށަހެޅުމުންނެވެ. އަދި ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ލިބޭނީ 10،000 މީހުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.

އާތިފަކީ 2017 ވަނަ އަހަރުގެ ތެރޭގައި ބަންގްލަދޭޝްގައި މަރުވި ދިވެހި މޮޑެލް، ރައުދާ އާތިފްގެ ބައްޕައެވެ.