ހައްޖައް ދިއުމަށްޓަކައި ކޮންމެހެން ޒަކާތް ދެއްކިތޯ ނުބަލާނެ ކަމަށާއި ޒަކާތު ފައިސާ ނުދައްކާވެސް ހައްޖަށް ދެވޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.

ހައްޖު ކޯޕަރޭޝަނުން މިހެން ބުނީ، ހައްޖަށް ދިއުމަށް އެ ކޯޕަރޭޝަނަށް ފައިސާ ދެއްވި ބައެއް ފަރާތަކަށް ބޭއްވި މައުލޫމާތު ދިނުމުގެ ބައްދަލުވުމެއްގައި، ޒަކާތް ދައްކަން ޖެހޭނެ ކަމަށް ދިން ލަފައަކާ އެކު ބައެއް ފަރާތްތަކަށް އޮޅުން އަރައި އެކަން ސާފުކޮށްދިނުމަށް އެދެމުން ދިޔުމާއެކު 'ދަ ޕްރެސް' އިން އެކޯޕަރޭޝަނާ ކުރި ސުވާލުގެ ޖަވާބު ދެމުންނެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދިން އާންމުން ބުނެފައި ވަނީ ހައްޖަށް ދިޔުމުގެ ކުރިން ޒަކާތު ފައިސާ ދައްކަން ޖެހޭނެ ކަމަށް އެކޯޕަރޭޝަނުން ބުނެފައި ވާ ކަމަށެވެ. ނަމަވެސް އެންމެ ފަހު ވަގުތު އެވާހަކަ ބުނުމުން، ކަންބޮޑުވުން ފާޅު ކުރަމުން އެމީހުން ބުނީ، ކޮންމެ މަހަކު ވަކިވަރެއް އެއްކުރަމުން 5-6 އަހަރުން ކިރިޔާ ފައިސާ ހަމަވީ ކަމަށާއި އޭގެ މައްޗަށް ޒަކާތް ދައްކަން ޖެހޭ ވާހަކަ ބުނުމުން އިތުރަށް ފައިސާ ހޯދުމަށް ދަތިވެފައި ވާ ކަމަށެވެ.

"މިހާރު ބުނަނީ ޒަކާތް ދައްކަން ޖެހޭ ކަމަށް، ކޮންމެ މީހަކަށް 10،000ރ ވަރު އެބަ ދައްކަން ޖެހޭ، ހައްޖަށް ފައިސާ ހަމަ ކުރެވުނީވެސް 5-6 އަހަރުން"

އެކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ނަން ނުޖެހުމަށް އެދިވަޑައިގެން ހައްޖު ކޯޕަރޭޝަންގެ އޮފިޝަލަކު ވިދާޅުވީ، އެކޯޕަރޭޝަނުގެ ފަރާތުން ކުރިއަށް ގެންދިޔަ މައުލޫމާތު ދިނުމުގެ ޕްރޮގުރާމެއްގެ ތެރޭގައި ހައްޖަށް ދިއުމަށްޓަކައި ދައްކާ ފައިސާއަކީ އަނބުރާ ނެގޭ ގޮތަށް ހުންނަ ފައިސަާއަަކަށް ވާނަމަ އެފައިސާއަކީ ޒަކާތް ދައްކަން ޖެހޭ ފައިސާއެއްތޯ މީހަކު ސުވާލުކުރި ކަމަށެވެ.

އެސުވާލަށް ޖަވާބު ދެމުން "އެއްވެސް ފަރާތެއްގެ އަތުގައި ނަގާ އަދި ޖަމާކުރެވޭގޮތަށް ހުންނަ ފައިސާއެއް ނިސާބު ހަމަވެފައި އެއް އަހަރު ވެފައި ވާނަމަ އެއަށް ޒަކާތް ދައްކަން ޖެހޭ ކަމަށް ޝެއިހް ވިދާޅުވި" ކަމަށެވެ.

ނަމަވެސް އެއީ [ޒަކާތް ނެގުމަކީ] އެ ކޯޕަރޭޝަނުން ކުރާ ކަމެއް ނޫން ކަމަށާއި، ނިސާބު ހަމަވެ ޒަކާތް ދެއްކުމަކީ އެފަރާތެއްގެ އަމިއްލަ އިހުތިޔާރީ ކަމެއް ކަމަށެވެ.

އަދި އެ ކޯޕަރޭޝަަށް ދައްކާ ފައިސާއަކީ ކޮން އިރެއްގައި ވެސް، އެމީހަކު ބޭނުން ވާނަމަ ކޮންމެ އިރަކުވެސް ނަގާ އަދި ޖަމާކުރަން ބޭނުންވާނަމަ ޖަމާ ކުރެވޭނެ ފައިސާއެއް ކަމަށާއި އެ ކޯޕަރޭޝަނުން ބަލާނީ ހައްޖަށް ދާން ފައިސާ ހަމަކުރޭތޯ ކަމަށެވެ.

މިހާރު ކަން ދިމާވި ގޮތަކީ އެކަމުގެ މައުލޫމާތު އެބޭފުޅުން ވިދާޅުވާ ގޮތުގައި ކުރިން ނޭނގިފަ މިއޮންނަނީ، އަޅުގަނޑުމެން ނާހާނެ އެއްވެސް ބޭފުޅަކު ކައިރިން ހައްޖަށް ދާއިރު ޒަކާތް ދައްކައިފިންތޯއެއް، އެއީ އަސްލު އަޅުގަނޑުމެންނާ ބެހޭ ކަމެއް ނޫން، އެކަމަކީ އަސްލު ﷲ އާ ﷲގެ އަޅާއާ ދެމެދު އޮތް ކަމެއް،
އޮފިޝަލް

ނާހިދު ވިދާޅުވީ، ހައްޖަށް ދިއުމަށްޓަކައި ދައްކާ ފައިސާއަކީ ވެސް އަނބުރާ ނެގޭ ގޮތަށް އޮންނަ ފައިސާ އަކަމަށް ވާތީ "ޒަކާތް ދައްކަން ޖެހޭނެނެތޯ ނުވަތަ ނުޖެހޭތޯ" އެއީ ރާއްޖޭގައި ތިބި އިލްމުވެރިން ވެސް މަޝްވަރާ ކުރަމުންދާ މައްސަލައެއް ކަމަށެވެ.

މިކަން މީހުންނަށް ނޭނގޭ ކަމެއް އަޅުގަނޑުމެނަކަށް ނޭނގެ، މިކަން ސަމާލުކަމަށް އައީ ހައްޖަށް މިއަހަރު ފުރާ ފަރާތްތަކަށް ބޭއްވި ދީނީ ޕްރޮގުރާމެއްގެ ތެރޭގައި މީހަކު ކުރި ސުވާލަކުން، މި ސުވާލު މިކުރީ ހައްޖަށް ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނެ ތޯ؟ ޒަކާތް ދެއްކުމަކީ އެމީހެއްގެ މައްޗަށް އޮންނަ ކަމެއް، އެކަމު އަޅުގަނޑުމެންގެ ޒިންމާއެއްގެ ގޮތުގައި އަޅުގަނޑުމެން ދުށީ ޝަރީއާ އެންޑް ލޯ ކޮމިޓީން އެހެން ވިދާޅުވާތީ އާންމުންނާ ހަމައަށް މައުލޫމާތު ފޯރުކޮށްދޭން ޖެހޭކަމަށް
އޮފިޝަލް

އޮފިޝަލް އިތުރަށް ވިދާޅުވީ، ހައްޖަށް ދިއުމަށް އެ ކޯޕަރޭޝަންގެ ފަރާތުން ޝަރުތެއް ނުކުރާ ކަމަށާއި ޒަކާތު ފައިސާ ދައްކާފައި ތޯ ހުރީ ނުވަތަ ނޫންތޯ ވެސް ނުބަލާ ކަމަށެވެ. އަދި އެމައްސަލައާ ގުޅިގެން ހައްޖަށް ނުދެވޭ އެކަކު ވެސް ނުހުންނާނެ ކަމަށާއި ހައްޖަށް ދިއުމަށް ޖާގަލިބިފައި ތިބި ހުރިހާ އެންމެނަށް ވެސް ހައްޖަށް ދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެން ހައްޖަށް ދިއުމަކަށް ޝަރުތެއް ނުކުރާނެ ފައިސާ ދައްކާފަ ތޯ ހުރީ ނުވަތަ ނޫންތޯއެއް، އަޅުގަނޑުމެން އެސުވާލެއް ނުވެސް ކުރާނެ، ނަސޭހަތެއް ގޮތުގައި ޕްރޮގުރަމުތަކުގެ ތެރެއިން މިބުނެލެވުނީ، ޒަކާތް ދައްކަން ވާނޭ
އޮފިޝަލް

1444 ވަނަ އަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ހައްޖަށްދާ ހައްޖުވެރިން މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ފުރަން ވަނީ ހަމަޖެހިފައެވެ.

މިދިޔަ އަހަރު ހައްޖުގެ އަޅުކަމުގައި ޖުމްލަ 899،533 މީހުން ބައިވެރި ވިއެވެ. މި އަހަރު ހައްޖަށް މީހުން ގެންދަން އިސްލާމިކް މިނިސްޓްރީން ތިން ގުރޫޕަކަށް ހުއްދަ ދީފައި ވާއިރު ކޮންމެ ގުރޫޕަކަށް ވެސް ދީފައި ވަނީ 90 ޖާގައިގެ ކޯޓާއެވެ. ސިސިލްފަރުން ބޮލަކަށް 75،465 ރުފިޔާ ނަގާއިރު ހަރަމައިން އިން ނަގަނީ 75،250 ރުފިޔާއެވެ. އަދި އަލްމަނާސިކުން ހުށަހަޅާފައި ވަނީ 75،000 ރުފިޔާއެވެ. ބާކީ ކޯޓާ ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ.