65 ބައިވެރިންނާއެކު މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ބާއްވާ ޔޫތު ކޭމްޕް އިއްޔެ ބާއްވައިފިއެވެ.

ޒުވާނުންނަށް އަމާޒުކޮށްގެން ޔޫތު މިނިސްޓްރީގެ ފަރާތުން އިންތިޒާމުކުރި ޔޫތު ކޭމްޕް ކުރިއަށް ގެންގޮސްފައި ވަނީ ކުޑަގިރީގައެވެ.

އެއް ދުވަހަށް ކުރިއަށް ގެންދިޔަ މި ކޭމްޕުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން ވެސްް ވަނީ ބައިވެރި ވެފައެވެ. 65 ޒުވާނުން ބައިވެރިވި މި ކޭމްޕުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ފަރާތުން ވަނީ ޓީމްބިލްޑިން އަދި ލީޑާޝިޕްގެ އިތުރުން ސެލްފް ޑިފެންސްގެ އިވެންޓްތަކެއް ކުރިއަށް ގެންގޮސްފައެވެ.

މި ކޭމްޕްގައި ތަފާތު ގިނަ ގޭމްތަކެއް ކުރިއަށް ގެންގޮސްފައި ވާއިރު، ކޭމްޕު ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ވަނީ ދީފައެވެ.

މިދިޔަ އަހަރު ވެސް ޔޫތު މިނިސްޓްރީން ވަނީ ޔޫތު ކޭމްޕް ބާއްވާފައެވެ. އެފަހަރު ކޭމްޕު ބައްވާފައިވަނީ ފަރުކޮޅުފުށީގައެވެ. ޔޫތު މިނިސްޓްރީއާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅިގެން ކުރިއަށް ގެންދިޔަ އެ ކޭމްޕުގައި ޖުމްލަ 46 ޒުވާނުން ވަނީ ބައިވެރިވެފައެވެ.

އިއްޔެ ބޭއްވި ކޭމްޕަކީ އެމްއެންޑީއެފްގެ އިތުރުން އެޗްޑީސީ އާއި އެމްޓީސީގެ އެހީތެރިކަމާއެކު ބޭއްވި ކޭމްޕެއް ކަމަށް ޔޫތް މިނިސްޓްރީން މައުލޫމާތު ދެއެވެ.