މި އަހަރުގެ ހައްޖު މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމަށް އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ، މީލާދީ ސަނަތުން މާދަމާއަކީ 1446 ވަނަ އަހަރުގެ ޒުލްހިއްޖާ މަހުގެ 1 ވަނަ ދުވަސް ކަމަށެވެ. އެހެންކަމުން މީލާދީ ސަނަތުން ޖޫން މަހުގެ ފަސް ވަނަ ދުވަހަކީ މި އަހަރުގެ ހައްޖު (އަރަފާތު) ދުވަސް ކަމަށް ޝަހީމް ވިދާޅުވިއެވެ.

ހިޖުރީ ކަލަންޑަރުގައި ވެސް ޒުލްހިއްޖާ މަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި މާދަމާ ކަނޑައަޅާފައިވާއިރު ސައުދީ އަރަބިއްޔާއަށް މިރޭ ހައްޖު މަހުގެ ހަނދު ފެނިފައިވާކަން އިއުލާންކޮށްފައި ވެއެވެ. އެހެންކަމުން މިއަހަރުގެ ބޮޑު އީދު ވާނީ އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހަށެވެ.

މި އަހަރުގެ ހައްޖު މޫސުމަށް އެކި ގައުމުތަކުން މިލިއަނަކަށްވުރެ ގިނަ ހައްޖުވެރިން ސައުދީ އަރަބިއްޔާއަށް ގޮސްފައިވާކަމަށް އެގައުމުގެ އޮފިޝަލުން އިއްޔެ ވަނީ ބުނެފައެވެ. އަދި ރާއްޖެއިން ހައްޖަށް ދާ ފުރަތަމަ ފުލައިޓު އިއްޔެ ފުރާފައިވާ އިރު އެ ފްލައިޓުގައި 234 ހައްޖުވެރިން ވަނީ ފުރާފައެވެ.

އެއަށް ފަހު ދެވަނަ ފުލައިޓު މިއަދު ފުރާފައި ވާއިރު އެ ފުލައިޓުގައި 255 ހައްޖުވެރިން ދަތުރު ކޮށްފައި ވެއެވެ. ތިން ވަނަ ފުލައިޓު މި މަހުގެ 29 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާ އިރު އެ ފުލައިޓުގައި 250 ހައްޖުވެރިން ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. ހައްޖުވެރިންގެ ފަހު ފުލައިޓު ދަތުރުކުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ. އެ ފުލައިޓުގައި 250 ހައްޖުވެރިން ފުރާނެއެވެ.

ހައްޖަށް މިއަހަރު ރާއްޖެއިން ޖުމްލަ ހަތަރު ފްލައިޓު ފުރަނަ ހަމަޖެހިފައިވާ އިރު، ދެ ފްލައިޓަކީ މޯލްޑިވިއަން އިން ކުރާ ދަތުރުތަކެވެ. އެގޮތުން މިއަދު މޯލްޑިވިއަންގެ ފްލައިޓުން ފުރަތަމަ ދަތުރު ސައުދީއަށް ފުރާފައިވާ އިރު، މިއީ ތާޜީހީ ދުވަހެކެވެ. ރާއްޖޭގެ ގައުމީ އެއާލާއިންުން ކުރާ މިފަދަ މިއީ ފުރަތަމަ ދަތުރެވެ. މި އަހަރު ހައްޖަށް 1000 ގާތްކުރާ އަދަދަށް ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ އިރު، މޯލްޑިވިއަންގެ ފްލައިޓުން 50 ޕަސެންޓް ހައްޖުވެރިން ދަތުރު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.