ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަނޑުން، މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ، އެ މީހާ ފެނިފައި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރު 16 އާ ދިމާލުން ކަނޑުމަތިން ކަމަށެވެ.

ހަށިގަނޑު ފެނުނީ އިއްޔެ އިރުއޮއްސެން ގާތްވެފައި ވަނިކޮށް، 6 ޖަހަން އުޅެނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި، މަރުވި މީހާގެ ހަށިގަނޑު ފެނުނު އިރު އޮތީ ގިރުވާނު ލީ ޓީޝާޓަކާއި އަތްކުރު ކަޅުކުލައިގެ ސޯޓެއް ލައިގެން އަދި ކަޅުކުލައިގެ ބޫޓަކަށް އަރައިގެން ކަމަށެވެ.

އެ މީހާ އަކީ ބިދޭސީ އެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ. ކާކުކަން ދެނެގަނެވިފައި ނުވާ އެ މީހާގެ ހަށިގަނޑު މިހާރު ވަނީ ގަލޮޅު މޯޗަރީގައި ކަމަށް ފުލުހުން ބުންޏެވެ.

އެ މީހާ އާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ޑިޕާޓްމަންޓުގެ ނަމްބަރަށް (9911099) ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.