އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން އިސްވެ އުފައްދަވާ "ދަ ޑިމޮކްރެޓްސް" އަށް ސޮއިކޮށްފައިވާ މީހުންނަށް ސަރުކާރުން ބިރު ދައްކަމުންދާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

"ދަ ޑިމޮކްރެޓްސް"ގެ ފަރާތުން އެ މައްސަލަ ހުށަހެޅުއްވީ އެ ޕާޓީގެ މުއައްސިސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. އިއްޔެ ވެސް އެ މައްސަލަ ހުށަހަޅުއްވަން ހަސަން މަސައްކަތްކުރެއްވި ނަމަވެސް، މަޖިލީހުގެ ނިޒާމް ގެއްލި، ޖަލްސާ މެދުކަނޑާލީއެވެ. އެހެންކަމުން އެ މައްސަލަ ހުށަހަޅުއްވާފައި ވަނީ މިއަދެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން ހަސަން ވިދާޅުވީ، "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް މި މަހުގެ ފުރަތަމަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް އެ ޕާޓީން ހުށަހެޅި ފޯމުތަކުގައިވާ މައުލޫމާތު ސަރުކާރުން ވަގަށް ހޯދައި، އެ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ އަށް ސޮއިކުރި މީހުންނަށް ބިރު ދައްކަމުންދާ ކަމަށެވެ. އެގޮތުން ސަރުކާރުގެ އެކި އެކި މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި ކުންފުނިތަކުގެ ވެރިން ވެސް މީހުންނަށް ބިރު ދައްކަމުންދާ ކަމަށް ވިދާޅުވިއެވެ.

އެގޮތުން އެ ޕާޓީ އަށް ސޮއިކުރި މީހުންނަށް ގުޅައި، ގޯތި ނުވަތަ ފްލެޓަށް ހުށަހަޅާފައިވޭތޯ، ނުވަތަ ދަރިފުޅު ސްޓޫޑެންޓް ލޯނަށް ލާފައިވޭތޯ ސުވާލުކުރާ ކަމަށާއި، ސަރުކާރު ކުންފުނިތަކުގައި ވަޒީފާ އަދާކުރާ ނަމަ، ޑިމޮކްރެޓްސް އަށް ކޮށްފައިވާ ސޮއި އަނބުރާ ނެގުމަށް އަންގާ ކަމަށް ވެސް އެ މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވިއެވެ.

"މި ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގަމުން އެ ގެންދާ ހުތުރު އަމަލުތަކަކީ އެމްޑީޕީ އުފެއްދި މަގްސަދުތަކާއި އެ ޕާޓީން ވަކާލާތުކުރަމުން ދިޔަ ހަމަތަކާއި އުސޫލުތަކާ ދިމާ އިދިކޮޅު އަމަލުތަކެކެވެ،"

އެ ކުއްލި މައްސަލައިގައި، ޑިމޮކްރެޓްސް އަށް ސޮއިކުރި މީހުންގެ ކިބައިން ހަސަން އެދިވަޑައިގެންފައި ވަނީ ސާބިތުކަމާ އެކު ދެމިތިބުމަށާއި، ބިރު ދައްކަން ގުޅާ ކޮންމެ މީހެއްގެ މައުލޫމާތު ސޯޝަލް މީޑިއާގައި ހާމަކުރަމުން ދިއުމަށެވެ.

އެ މައްސަލަ އަށް ބަހުސްކުރަން ވޯޓަށް އެހުމުން، 33 މެންބަރުންގެ އިއްތިފާގުން މައްސަލަ އަށް ބަހުސްކުރަން ފާހެއް ނުވިއެވެ. މައްސަލަ އަށް ބަހުސްކުރަން ވޯޓު ދެއްވީ 16 މެންބަރުންނެވެ.

"ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައި ވަނީ މިދިޔަ މަހުގެ 24 ގައެވެ. އެ ޕާޓީ ރަޖިސްޓްރީކުރުމަށް ބޭނުންވާ 3،000 މެންބަރުން ހަމަކޮށް، އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.