މަސްވެރިކަމަށް ނިކުމެ އުޅުނު ށ. ފޯކައިދޫ މީހަކަށް މިޔަރެއް ހަމަލާދީފިއެވެ.
މިކަމާ ގުޅޭ ގޮތުން "ދަ ޕްރެސް" އާ ވާހަކަ ދައްކަވަމުން އެ ރަށު ކައުންސިލްގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ އާތިފް ވިދާޅުވީ މިޔަރު ހަމަލާދީފައި ވަނީ އެ ރަށު ކަނޑިންމަ މައްޗަށް ކުދި މުށިމަސް އަޅުވައިގެން ބޮޑެތި މަސް ބާނަން ނިކުމެ އުޅުނު މީހަކަށް މިރޭ އިރުއޮއްސި 6:45 ހާއިރު ކަމަށެވެ.
މަހެއް ގަނެގެން އެ މަސް ނެގުމުގެ ތެރޭގައި ހަމަލާދީފައިވާ ކަން ފާހަގަކުރައްވާ އާތިފް ވިދާޅުވީ ވަރަށް ބޮޑަށް ފައި ހަލާކުވެފައި ހުރި ކަމަށާއި 5 ވަރަކަށް ތަނުން 4 ވަރަކަށް އިންޗި ދިގު މިނުގައި ކަފައިގެން ގޮސް މަސްގަނޑު ތިރިއަށް އެލިފައި ހުރި ކަމަށެވެ.
އާތިފް ވިދާޅުވީ ފައި ނޫން އިތުރު ތަނަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.
އެ މީހާ ނިކުމެ އުޅުނީ ކައްކާ ތެޔޮ ހުސްކުރި ރީނދޫ 20 ލީޓަރުގެ 4 ހަން އައްސައިގެން ޖަލިޔާ ކަހަލަ އެއްޗެއް ހަދައިގެން ކަމަށާއި ގާތްގަނޑަކަށް ފޫޅުން ފެށިގެން ތިރި އެއްކޮށް އޮންނާނީ މޫދުގެ އަޑީގައި ކަމަށް އާތިފް ވިދާޅުވިއެވެ. އަދި އެ މަސްވެރިކަމަކީ އާންމުކޮށް އެ ރަށުގެ މީހުން ކޮށް އުޅޭ މަސްވެރިކަމެއް ކަމަށް އާތިފް ވަނީ ވިދާޅުވެފައެވެ.
49 އަހަރުގެ އެ ފިރިހެން މީހާއަށް ފޯކައިދޫ ސިއްހީ މަރުކަޒުގައި އަދިވެސް އަންނަނީ ފަރުވާދެމުންނެވެ.
މިފަދަ ހާދިސާތައް ރާއްޖޭގައި ހިންގަމުން އަންނައިރު ރާއްޖޭގައި މިޔަރު ހިމާޔަތް ކުރުމުގެ ސަބަބުން މިޔަރުގެ އާބާދީ އިތުރުވެ، މިފަދަ ހާދިސާތައް ހިނގާ އިރު އެކަމުގެ ޝަކުވާ މަސްވެރިން އަންނަނީ ކުރަމުންނެވެ.